އެންވަޔަރަމަންޓް މިނިސްޓަރަކަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި ފިޝަރިޒް މިނިސްޓަރަަކށް ޑރ.ޙުސައިން ރަޝީދު ޙަސަން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެންވަޔަރަމަންޓް މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އައްޔަންކުރައްވާފައިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރުމަންޓް އެއްކޮށްލުމަށްފަހުއެވެ. އެ ވުޒާރާގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީއަށް ބަދަލުކޮށްފައެވެ.
އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވިއިރު، ޝައުނާ މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައެވެ. އަދި ފިޝަރިޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު ޙަސަން އައްޔަންކުރައްވާފައިވާއިރު، މީގެ ކުރިން އޭނާ ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައެވެ. މި ބަދަލާއެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓް ޖޭޕީއަށް ލިބިފައިވާއިރު، ޖޭޕީގެ އެންވަޔަރަމަންޓް ސްލޮޓް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ލިބިގެން ގޮސްފައެވެ.
ފިޝަރީޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު އައްޔަންކުރައްވާފައިވާއިރު، ކުރިން އެ މަޤާމުގައި ހުންނެވި ޒަހާ ވަހީދު މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޒަހާ ވަޒީރުކަމުގައި ހުންނެވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.
ޒަހާ މަޤާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފޯނުން ގުޅުއްވުމަށްފަހުއެވެ.
މީގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ މެންޑޭޓް އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާއަށް ދެއްވާފައިވާއިރު، މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދުު މަލީހު ޖަމާލް މަޤާމުން ވަކިކުރެއްވީ މާރިޗް މަހުގެ1 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓާއެކުއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.
އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ