ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކުރެއްވީ އެކަމަނާއާއި، އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އާއި މަޝްވަރާވެސް ކުރުމެއްނެތިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޒަހާ މަޤާމުން ވަކިކުރެއްވީ ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފޯނުން ގުޅުއްވުމަށްފަހުއެވެ. އެކަމަނާ ރޭ 12 ޖަހަނިކޮށް މަޤާމުން ވަކިކުރައްވާފައިވާއިރު، އެކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާކަމަށް އެމްއާރުއެމްގެ އިސް އޮފިޝަލަކާ ހަވާލާ ދެއްވާ "އަވަސް" އޮންލައިން އިން ރިޕޯޓްކޮށްފައިވެއެވެ. މިކަމާއި ގުޅޭގޮތުން އެކަމަނާވެސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވެސްް އެއްވެސް އެއްޗެއް އަދި ވިދާޅުވެއްނުވެއެވެ.
ޒަހާ މަޤާމުން ވަކިކުރައްވާފައިމިވަނީ، ސަރުކާރު ހިންގުން ލަސްކަމަށާއި، އެދެވޭ ނަތީޖާއެއް ނުނިކުންނާތީ، ކެބިނެޓަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިއަދުވެސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޒަހާ މަޤާމުން ވަކިކުރެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކުރައްވާފައިވާކަމަށްވެސް ވާހަކަދެކެވޭއިރު، ސަރުކާރުން އަދި ވަކިއެއްޗެއް ހާމަނުކުރައްވައެވެ.

ޒަހާއާއިމެދު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ނުތަނަވަސްކަމެއް އޮންނަތާ ދުވަސްތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އެކަމަނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް މަޖިލީހުގައި މަސައްކަތްކޮށްފައިވެއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން މިހާރު އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން ވަކިކުރައްވަނީ ކޮން ވަޒީރުންނެއްކަމެއް ވިދާޅުވެއް ނުވެއެވެ. ރައީސްގެ މިސިޓިއާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސްއަށް ޖަވާބުދެއްވާފައިވެެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ.
ބައެއް ވަޒީރުން މަޤާމުން ދުރުކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު، އެނގިފައިވާގޮތުގައި އޭގެތެރޭގައި ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ވަޒީރުން ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަރުކާރުންވެސް އަދި އެމްއާރުއެމް އިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.
އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ