ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ފިޔަ ތިރިކުރޭ!

ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ފިޔަ ތިރިކުރޭ!

ގުޅުންހުރި

އެއްދުވަހަކު ބޭފުޅަކު އަޅުގަނޑާ ސުވާލުކުރިއެވެ. މައިންބަފައިންނާއި ވާހަކަ ނުދައްކާ ދަރިއަކަށް އުޅެވިދާނެ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. އެކޮޅުން ބުންޏެވެ. އެމީހުން ތިމަންގެ ކައިވެނި ރޫޅަން ސިޙުރު ހެދިޔަސް ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ! އޭނާ ޙައިރާންވިއެވެ. ވިދާޅުވިއެވެ. ބަލަ އެވަރުގެ ބޮޑުކަމެއް ކުރީމަވެސް ހަމަ ގުޅުން ބާއްވަން ޖެހޭ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ! އެއީ ކާފަރުން ކަމަށް ވިޔަސް، މައިންބަފައިންނަށް އިޙްތިރާމްކޮށް އިޙްސާންތެރިވުމަކީ ދަރިންގެ މައްޗަށް ލާޒިމްކަމެކެވެ. މައިންބަފައިން ގޯސްވެއްޖެނަމަ، އެދެމީހުންނަށް އަދަބު ދޭނީކީ ދަރިންނެއް ނޫނެވެ. އަދި ކިއެއްތަ؟ އެބައިމީހުންނަށް އަދަބު ދެއްވާނީ ﷲ ތަޢާލާއެވެ! އެދެމީހުންގެ މަތިން އެކަލާނގެ ވޮޑިގެންވެއެވެ. ބައްލަވާ ވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ.

ދަންނާށެވެ! ތިމާގެ މައިމީހާއާއި، ބަފައިމީހާއަކީ ތިމާ ދުނިޔެއަށް އައުމަށް މާތް ﷲ ލެއްވެވި ސަބަބެވެ. ތިމާއަށް ކިތަންމެ މަތީ މަޤާމެއް ލިބުނަސް، ނުވަތަ ތިމާ ކިތަންމެ މުއްސަނދިވިޔަސް ތިމާވާނީ ހަމަ އެދެމީހުންގެ ދަރިއަކަށެވެ! ބަނޑުއަޅައިވިހޭ މައިމީހާ ވާނީ ހަމަ މައިމީހާއަށެވެ! ބަފައިމީހާވާނީ ބަފައިމީހާއަށެވެ! އެދެމީހުންގެ މައްޗަކަށް ތިބާއަކަށް ނޭރޭނެއެވެ!

މައިންބަފައިންގެ އަމުރަށް ބޯލެނބުމީ ވާޖިބެކެވެ. ހުރިހާ ކަމެއްގައެވެ. ﷲ ތަޢާލާ މަނާކުރެއްވި ކަމެއްގައި މެނުވީއެވެ. މިހެންވެ، މައިންބަފައިން ބުނެގެންވިޔަސް މީހަކަށް އަނިޔާވެރިވުމެއް ނެތެވެ. ނުވަތަ އެހެންވެސް ﷲ ތަޢާލާ މަނާކުރެއްވެވި ކަމެއް ކުރުމެއް ނެތެވެ. އެކަމުގައި ކިޔަމަންތެރި ނުވާށެވެ. އެފަދަ ޙާލަތެއްގައި ހިތްތިރިކަމާއެކު ނަޞޭޙަތް ދޭށެވެ! ރިވެތި ގޮތުގައެވެ. މަޑުމޮޅި ކަމުގައެވެ. އަދި އެދެމީހުންނަށް އިޙްސާންތެރިވާށެވެ! ތިބާގެ ވާޖިބު އަދާވީއެވެ! އަންނަނިވި އާޔަތް ނިކަން ކިޔަވާ ބަލާށެވެ! (وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ) سورة لقمان 15 މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ!"

ނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިޙަޤީޤަތް ހަނދާންނައްތާލެވެއެވެ. އެދެމީހުން މުސްކުޅިވާ ދުވަހު ހަޅޭއްލަވާ، އެއްޗެތި ކިޔެއެވެ. އެއީ ނުރުހުމުގެ ގޮތުން ޗުއްޕުވެސް ބުނުން މަނާކުރައްވާފައިވީއިރުވެސް ބައެއް މީހުން ކަންކުރާ ގޮތެވެ. އަދި ކަންހިނގާގޮތްވެސް މެއެވެ. އަޖާޢިބެއް ނުވާނެ ހެއްޔެވެ؟ އަދި އެވެސް ނުޙައްޤުންނެވެ. ހިތަށް އަރައެވެ! ލަދުގެ ކަންފުޅެއްވެސް ނެތީބާއެވެ؟!

سورة الإسراء ގެ 23 ވަނަ އާޔަތުގެ މާނައަށް ނިކަން ބައްލަވާށެވެ! "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

އިންސާނުންނެވެ! މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަންގަވައި سورة الأحقاف  ގެ 5 ވަނަ އާޔަތުގެ މާނަވެސް ނިކަން ކިޔާލައްވާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ”އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް ކުރުމަށް މިއަޅާއަށް އިލްޙާމް ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިސްލާޙްކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތަޢުބާވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ.“

މިހެންވެ ދަރިންނަށް ބުނެލަމެވެ! މައިންބަފައިންނާ ދިމާލަށް އެއްޗެތި ކިޔޭނޭ އެއްވެސް ޙާލަތެއް ދަރިޔަކަށް ނާންނާނެއެވެ. އަދި އައިސްގެންވެސް ނުވާނެއެވެ. އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ! ވަކިން ޚާއްޞަކޮށް އެދެމީހުންގެ މުސްކުޅި ދުވަހުއެެވެ. އަދި އެދެމީހުން ކިތަންމެ ގޯސްކޮށް ތިބާއާއި މެދު ކަންތައް ކުރިކަމަށް ވިޔަސް ތިބާގެ ފުށުން ހެޔޮކަމެއް މެނުވީ އެދެމީހުންނަށް ނުދައްކާށެވެ! އެންމެންގެ މަތިން ﷲ ވޮޑިގެންވެއެވެ!

 

އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ