ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލްގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއާކުންނެވެ. މި ނަތީޖާއާއެކު މާޒިޔާއަށް ވަނީ ލީގުގެ އެއްވަނައިގައި 9 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.
މެޗު ފަށައިގެން ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ އީގަލްސްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގައި މާޒިޔާއިން ލީޑު ނެގީ 25 ވަނަ މިނެޓުގައެެވެ. ހަމްޒާ މުހައްމަދު ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޓަކާޝީ އޮޑަވާރާއެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ތަހާ މުހައްމަދު އަތުން ޖައްސައި ފޮނުވާލުމުން އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފް ފަށައިގެން 53 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މި ސީޒަނުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޒާ މުހައްމަދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ހަމްޕުއެވެ. ހަމްޕު މި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ 65 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ކޯނޭ އެވެ. މިއީ އީގަލްސް އަހުމަދު ނޫމާން އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށް 25 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 19 ޕޮއިންޓެއެވެ. ހަތަރުވަނައިގައި އީގަލްސް އޮތީ 17 ޕޮއިންޓާއެކު އޮތްއިރު، ފަސް ވަނައިގައި ދަ ގްރާންޑޭ އޮތީ 16 ޕޮއިންޓާއެކުއެވެ. އަދި ހަވަނައިގައި ސަސްޕަޓިްސް 15 ޕޮއިންޓާއެކު އޮތްއިރު ހަތް ވަނައިގައި އޮތް ޓީސީއަށް ލިބެނީ 13 ޕޮއިންޓެއެވެ. ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށް ލިބެނީ 12 ޕޮއިންޓެއެވެ.
މި މެޗާއެކު ލީގުގެ ދެވަނަ ބުރުގެ ކުޅުން މި ވަނީ ނިމިފައެވެ. ލީގުގެ ތިިންވަނަ ބުރު ފެށުމަށް އެފްއޭއެމުން އަދި ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ކުރިން މާލޭގައި އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ކުރިޔަށްދާނެއެވެ. އޭއެފްސީ ކަޕަށް ފަހު ދެން އޮންނާނީ ވަރލްޑް ކަޕް ކޮލިފައިންގައި ޤައުމީ ޓީމު ކުޅެން ޖެހޭ 3 މެޗެއެވެ. މި ތިން މެޗު ކުޅުމަށް ޤައުމީ ޓީމު މިމަހުގެ ފަހުކޮޅު ޗައިނާއަށް ފުރާނެއެވެ.
ކޮމެންޓު ފޮނުވާ