އެއްވެސް ސަރުކާރެއް ވެރިކަމުގައި އޮންނައިރު ދައުރުގެ މެދުތެރެއިން އަންނަ އިންތިޚާބަކީ ފަސޭހަ އިންތިޚާބެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އެޕާޓީގެ ދާއިރާތަކުގެ މެމްބަރުންނާއި މުޚާތަބު ކުރައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެރިކަމުގައި ތިބޭއިރު ކުރިމަތިވާ އިންތިޚާބްތަކަކީ ފަސޭހަ އިންތިޚާބްތަކަކަށް ނުވާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް ދިމާވަކީ ވެރިކަމުގެ މެދުތެރެއަށްކަމަށްވުމުން މި އިންތިޚާބް އެމްޑީޕީއަށް ފަސޭހަ ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބް ފަސޭހަނުވާނެ އެންމެބޮޑު އެއްސަބަބަކީ ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު ސަރުކާރަށް ކުރިމަތިވެފައިވާ ކަންތައްތައްކަމަށެވެ. ރައްޔިތުންނަށް މާލީ ގޮތުން ދިމާވާ ކޮންމެ ގޮންޖެހުމަކީ އިންތިޚާބްތަކަށް ދިމާވާނެ ގޮންޖެހުންތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަކީ މިފަހަކުން އަޅުގަނޑުމެން ކުރިމަތިލާ އެންމެބޮޑު އިންތިޚާބް. ވެރިކަމުގައި ތިބެ އިންތިޚާބް ފަސޭހަ ނުވާނެ. ދައުރު މެދުން އަންނަ އިންތިޚާބަކީ ވެރިކަމުގައި ތިބޭބަޔަކަށް ފަސޭހަވާނެ އިންތިޚާބެއްނޫން.
– ރައީސް ނަޝީދު
ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބް ކައުންސިލް އިންތިޚާބަށްފަހު ބޭއްވުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހަށް މިހާރު އިންތިޚާބް ވެފައިވާ ދާއިރާތަކުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުއްދަތު ހަމަވާތީއެވެ. ނަމަވެސް މިނިންމުމާއިއެކު އިލްކެޝަން ކޮމިޝަނުން ކައުންސިލް އިންތިޚާބް ބާއްވައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބް ބޭއްވުމާއި ހަމައަށް މިހާރު ދާއިރާތައް ތަމްސީލް ކުރައްވާ ބޭފުޅުން ތިއްބަވާނެއެވެ.
ކޮމެންޓު ފޮނުވާ