މާޒިޔާ ބަލިކުރުމަކީ އުނދަގޫ ކަމެއްކަމަށާއި، އެކަން ކުރެވެންޏާމު ކުރެވޭނެ ޓީމަކަށް އީގަލްސް ވާނެކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެކޮޅަށް ނުކުތުމުގެ އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު ޝާޒްލީ ބުނީ، ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މާޒިޔާ ކަމަށާއި، އެގޮތަށް ބަލާފައި މާޒިޔާ ބަލިކުރުމަކީ އުނދަގޫކަމެއްކަމަށެވެ. އަދި އެކަން ކުރެވެންޏާމު ކުރެވޭނެ ޓީމަކީ އީގަލްސް ކަމަށް ކޯޗު ޝާޒްލީ ވަނީ ބުނެފައެވެ.
މާޒިޔާއާ ކުޅޭއިރު ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ އަދި ލީގުގައި ބަލިނުވެ މާޒިޔާ މި އޮތީ. އެ ގޮތަށް ބަލާފައި އުނދަގޫ ކަމެއް މާޒިޔާ ބަލިކުރުމަކީ. އެކަމަކު އެކަން ކުރެވެންޏާމު ކުރެވޭނެ ޓީމެއް އީގަލްސް އަކީ.
ޝާޒްލީ ބުނީ މި މެޗަށް ނުކުންނައިރު އީގަލްސްއަށް އޮތް އަނެއް އެޑްވާންޓޭޖަކީ، ވަރަށް ގިނަ ދުވަހު އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން ގިނަވުމާއި އޭގެ ތެރޭގައި ގިނައިން ތިބީ އީގަލްސް އަށް ވަރަށް ގިނަ ދުވަހު ކުޅުނު ކުޅުންތެރިންނަށް ވުމެވެ.
ޝާޒްލީ ބުނީ އީގަލްސްގެ އަސްލު މަޤާމަށް ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް މި މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމުކަމަށެވެ. އެގޮތުން ފުރަތަމަ ކަނޑައެޅި ޓާގެޓްކަމަށްވާ ގަދަ 6 ގެ ތެރޭގައި އޮވެފައި މިހާރު ގަދަ 4 ގައި އޮތުމަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. އީގަލްސްއަށް މާޒިޔާ މިރޭ ބަލިކުރެވިއްޖެކަމަށްވާނަމަ 3 ވަނައަށް ކުރިޔަށް ޖެހިލާނެއެވެ.
މި މެޗަށް އީގަލްސް ނުކުންނައިރު އެޓީމުގެ ކެޕްޓަން ޙުސައިން ޝިފާއުއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެއެވެ. އެއީ ކާޑު ހަމަވުމުގެ ސަބަބުންނެވެ.
ލީގުގެ މެޗަކުން ބަލިނުވެ މާޒިޔާ އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 14 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 10:00 ގައެވެ.
މި މެޗަކީ ލީގުގެ ދެވަނަ ބުރުގައި ކުޅޭނެ ފަހު މެޗެއެވެ. ލީގުގެ ތިންވަނަ ބުރު ފެށުމަށް އެފްއޭއެމުން މިހާރު ތާވަލްކޮށްފައި އޮތީ 21 ޖޫންގައެވެ. އެއީ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގެ މެޗުތައް މާލޭގައި ކުޅޭތީ އާއި ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅެން ޖެހޭ މެޗުތަކަށް ޤައުމީ ޓީމަށް ވަގުތު ދިނުމަށެވެ.
ކޮމެންޓު ފޮނުވާ