ސިޔާސީ ހަމަނުޖެހުންތަކުގައި 11 މަސްދުވަސް ފާއިތުވެފައި ވަނިކޮށް ބޭއްވުނު ރިޔާސީ އިންތިޚާބު އެގައުމުގެ ކުރީގެ ރައީސް މޮރާލްސްގެ ޕާޓީން ކާމިޔާބު ކޮށްފިއެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި މިހާތަނަށް އައިއިރު އިއުލާން ކޮށްފައި ނުވިނަމަވެސް، އިންތިޚާބުގެ ނަތީޖާ އާންމު ކޮށްދޭ އިންޑަޕެންޑެންޓް ސާވޭތަކުން ދައްކާ ގޮތުގައި މޮރާލްސް މޫވްމަންޓް ޓުވާޑްސް ސޯޝަލިޒްމް (MAS)ގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރި ލުއިސް އާރކެ އިންތިޚާބުގެ %50 އަށްވުރެ މަތީ އަޢުލަބިއްޔަތެއް ހޯއްދަވާނެއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަބުރަކަށް ދާން ނުޖެހި، ލުއިސް އާރކެ ބޮލީވިއާގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަންނަވާނެއެވެ.
އާރކެއާއި އެންމެ ގާތުން ވާދަކުރެއްވި މެދުފިޔައަށް ނިސްބަތްވާ މީސާއަށް ކާމިޔާބު ކުރެއްވޭނެކަމަށް ދައްކަނީ ވޯޓުލާން ނުކުތް މީހުންގެ %30 ވޯޓެވެ. އިންތިޚާބުގައި ބަލި ގަބޫލުކުރައްވާ ދެއްވި ޚިތާބުގައި މީސާ ވިދާޅުވެފައިވަނީ ނަތީޖާ ވަރަށް ސާފުކަމަށާއި ނަތީޖާއާއި މެދު ސުވާލު އުފެއްދޭ ވަރަށްވުރެ ފަރަގު މާ ބޮޑުކަމުގައެވެ. އެހެންކަމުން ޑިމޮކްރަސީގެ ރޫހާއި އެއްގޮތަށް ނަތީޖާ ބަލައިގަތުމަށް ހުރިހާ ރައްޔިތުންނަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް އަދި އެތައް ދުވަހެއް ނަގާނެކަމަށް ބެލެވުނު ނަމަވެސް، ދެކެޑިޑޭޓުންގެ މެދުގައި ހުރި ފަރަގުގެ ބޮޑުކަމުން، ދާއިމީ ނަތީޖާއަށް އިތުރު އެއްވެސް ބަދަލެއް އަތުވެދާނެކަމަށް ނުބެލެވެއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، މިއިންތިޚާބުގެ ނަތީޖާއިން ދައްކުވައިދެނީ، މީގެ އަހަރެއްކުރިން، އޭރު ބޭއްވުނު ރިޔާސީ އިންތިޚާބާއި ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކަށްފަހު، އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް، އޭރުގެ ރައީސް މޮރާލްސް ވެރިކަމުން ދުރުކޮށް ވެރިކަމަށް ވަޑައިގެންނެވި، އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ކޮންޒަރވޭޓިވް މެމްބަރެއްކަމުގައިވާ ޖީނިން އަނޭޒްގެ ކަނާތު ފިޔައިގެ ސިޔާސަތުތައް އެގައުމުގެ ރައްޔިތުން ބަލައި ނުގަންނަ ކަމެވެ.
އަދީއްތަ ދުވަހު މިހާރުގެ ރައީސާ ޖީނިން އަނޭޒް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުރައްވާފައެވެ. އަދި އެކަމަނާ ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ލުއިސް އާރކެއަށް މަރުހަބާ ވިދާޅުވެއެވެ. އަދި ޑިމޮކްރަޓިކް އުސޫލުތަކާއި އެއްގޮތަށް އާރކެ ބޮލީވިޔާގެ ވެރިކަން ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަންނަމަހު މަގާމާއި ހަވާލުވެ ވަޑައިގަންނަވާނެ އާރކެ ވަނީ ބޮލީވިޔާގެ ރައްޔިތުންނަށް ކެތްތެރިވުމަށާއި އަދި ސިޔާސީގޮތުން ބައިބައި ވެފައިވާ ބޮލީވިޔާގައި ސިޔާސީ އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވެފައި ވަނީ އޭނާ ގާއިމް ކުރައްވާނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމުގައެވެ.
ބޮލީވިއާގައި މީގެ އަހަރެއްކުރިން ބޭއްވުނު ރިޔާސީ އިންތިޚާބު ހަނި އަޢުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އެގައުމުގައި 14 އަހަރުވަންދެން ވެރިކަން ކުރައްވަމުން އައި ރައީސް މޮރާލްސްއެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެގައުމުގައި އުފެދުނު ސިޔާސީ ހަމަނުޖެހުމަށްފަހު އިންތިޚާބު ބާތިލް ކުރެވުނެވެ. އޭރުގެ ރައީސް މޮރާލްއާއި ދެކޮޅަށް މުޒާހަރާތައް ފެށިގެން ދިޔައީ އޭނާ ހަތަރުވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކާ، 3 ދައުރަށްވުރެ އިތުރަށް ރައީސްކަމުގެ މުއްދަތު އިތުރު ކުރުމަށް ފެނޭތޯ ބެލުމަށް ބޭއްވުނު ޚިޔާލު ހޯދުމުގެ ވޯޓުން ދައުރު 3 ޓާމަށްވުރެ އިތުރު ނުކުރުމަށް އެ ވޯޓުގެ ނަތީޖާއި ދައްކާފައި ވަނިކޮށްވެސް، އޭނާ އިންތިޚާބުގައި ވާދަ ކުރެއްވުމާއި ގުޅިގެންނެވެ.
މިގޮތުން އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރެވެވިގެން ދިއުމާއިކު ވެރިކަމަށް ވަޑައިގެންނެވީ އޭރު ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، މިހާރުގެ ރައީސާ ޖީނިން އަނޭޒްއެވެ.
އެކަމަނާ ވެރިކަމަށް އިސްވެ ވަޑައިގަތުމަށްފަހު މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމަށް ވައުދު ވެވަޑައިގަތެވެ. އަދި މިގޮތުން މިބޭއްވުނު އިންތިޚާބުގައި އެކަމަނާ ވާދަކުރެއްވުމަށްވެސް ނިންމެވިއެވެ. އެހެންނަމަވެސް ފަހުން ވަނީ ނަން އަބުރާ ނަންގަވާފައެވެ. ކުރީގެ ރައީސް ވެރިކަމުން ދުކުރެވުމާއި އެކު ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އެހެންނަމަވެސް ވިދާޅުވެފައިވަނީ ގައުމަށް އެބުރި ވަޑައިގަންނަވާނެ ކަމުގައެވެ.