އާރަށް ވިއްކައިގެން ފައިސާ ނެންގެވި މައްސަލާގައި ރައީސް ޔާމީނަށް ދައުވާކުރަން ޕީޖީގައި އެދެފި

އާރަށް ވިއްކައިގެން ފައިސާ ނެންގެވި މައްސަލާގައި ރައީސް ޔާމީނަށް ދައުވާކުރަން ޕީޖީގައި އެދެފި

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 10:59
0

ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވ.އަތޮޅު އާރަށް ބޭރުބަޔަކަށް ވިއްކައިގެން ލިބުނު 1 މިލިއަން ޑޮލަރު ނުވަތަ 15.4 މިލިއަން ރުފިޔާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރާ މައްސަލައެއްގައި، އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ވ.ތިނަދޫ ކައިރީގައި އޮންނަ ދަތުރުދާން ބޭނުންކުރާ އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަޙްމަދު ތަސްމީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ އޮގަސްޓްމަހު ވަނީ އެރަށް ތަސްމީންގެ އަތުން ނަގައި، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ވ.އަތޮޅުގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމް ހިއްސާ އޮންނަ ޓޫޖީ ނަމަކަށް ކިޔާ ކުންފުޏަކަށް އެރަށް ދީފައެވެ.

ޔޫސުފް ނައީމަށް އެރަށް ދިނުމާއެކު 2015 ސެޕްެމްބަރު މަހު އެރަށްވަނީ ބޭރުގެ ބަޔަކަށް ރިސޯޓް ހެދުމަށް ވިއްކާލާފައެވެ. އަދި އެއް މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ތަހުގީގަށް ހާމަވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. ދަށުކޯޓުގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. އަދި އެކޯޓުގެ ނިންމުން ިއސްތިއުނާފުކުރުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލާގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިނގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ.

މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީން ރޭގެ ވަގުތެއްގައިވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.