އޭލެވެލް އިމްތިހާނުގެ އެއްވެސް ކަރުދާހެއް ރާއްޖެއިން ލީކެއްނުވޭ: އެޑިއުކޭޝަން

އޭލެވެލް އިމްތިހާނުގެ އެއްވެސް ކަރުދާހެއް ރާއްޖެއިން ލީކެއްނުވޭ: އެޑިއުކޭޝަން

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 10:44
0

އެޑެކްސެލް އޭ ލެވެލްގެ އިމްތިހާނުގެ ސުވާލު ކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭލެވެލް އިމްތިހާންގެ ސުވާލު ކަރުދާސްތަކެއް ލީކްވެގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި  އެއްވެސް އިމްތިހާނު ސެންޓަރަކުން އެއްވެސް ކަރުދާހެއް ލީކުވެފައިނުވާކަމަށް އެމިނިސްޓްރީން ބުންޏެވެ. ނަމަވެސް އޭ ލެވެލް އިމްތިހާނު ކަރުދާހެއް ރާއްޖޭން ބޭރުގެ ޤައުމަކުން ލީކުވެގެން އުޅޭކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އޭ ލެވެލް އިމްތިހާނު 2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގައި ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ. މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތި ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިފަހަރުގެ އޭ ލެވްލް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން ބައިވެރިވި 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުންނެވެ. އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 44 މަރުކަޒެއްގައި ކުރިއަށްދެއެވެ. އެއީ މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައެވެ. މި އިމްތިހާނު ނިމޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.