ހުރިހާ ކަމެއް ވެކްސިނަށް ބަރޯސާކޮށްގެން ތިބުން ރަގަޅުތަ؟

ހުރިހާ ކަމެއް ވެކްސިނަށް ބަރޯސާކޮށްގެން ތިބުން ރަގަޅުތަ؟

ގުޅުންހުރި

ކޯވިޑް19އަކީ މިޖީލު ދުށް އެންމެ ނުރައްކާތެރި ސިއްޙީ ގިލަންވެރި ކަމެވެ. އަދި މިއީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ކުރިމަތިލީ އެންމެ ނުރައްކާތެރި ވަބާއަށް ވުމުގެ އިތުރުން، ކޯވިޑް19 ވެގެން މިދަނީ، އަދުގެ ދުނިޔެ ސިޔާސީ ގޮތުންނާއި، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް އިމްތިޚާނު ކުރުވާ، ބޮޑު ވެގެންވާ އިމްތިޙާނަކަށެވެ.

މިގޮތުން، 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި މި ނުރައްކާތެރި ވައިރަސް ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް މިވަނީ މުޅި ދުނިޔެއަށް ފެތުރިގެންފައެވެ. އެތައްބަޔަކު މި ބަލީގައި މަރުވެ، އެތައް ބަޔައެއްގެ ދިރިއުޅުން ބަރުބާދުވެ، އެތައް ގައުމެއް މިވަނީ ބަޑަށް ޖެހުމުގެ މަގުމަތީގައެވެ.

ކޯވިޑް19 އެންމެ ފުރަތަމަ ފެތުރިގެންއައިއިރު، މި ބައްޔަކީ ނުރައްކާތެރި ބައްޔެއްކަމުގައި ގަބޫލު ކުރަން ބައެއް މީހުންނަަށް ދަތި ވިއެވެ. އަދި އެވިސްނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް މި ބައްޔަކީ އެއްވެސް ނުރައްކާތެރިކަމެއް ނެތް ބައްޔެއްކަމުގައި ވަކާލާތުކޮށް، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކާ ސަރުކާރުން އޭރު ކުރަމުންއައި މަސައްކަތް ހަޖޫ ޖައްސާވާ ވާހަކަ ދައްކަވާފައި ވެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އޭރު ވަކާލާތު ކުރައްވާފައި ވަނީ، މީހުން ކަރަންޓީވެސް ނުކޮށް، ބޯޑަރުތައްވެސް ބަންދު ނުކޮށް، ލޮކްޑައުންވެސް ނުކޮށް ކުރިޔަށް ދިއުމަށެވެ.

އެހެންނަމަވެސް، ހާލަތު ބަދަލުވެ، ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެއްޖެކަން ގިނަ ދިވެހިންނަށް ރޭކާލީ، މި ވައިރަސް ރާއްޖޭގެ ހަފޮޅުން އެތެރެވީމައެވެ. އަދި އެއަށްފަހު މި ބަލީގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ދެއްކެވުނު ވާހަކަތަކަށް ބައެއް މެމްބަރުން ފަހުން މާފަށްވެސް އެދިވަޑައިގެންފައި ވެއެވެ.

ކޯވިޑް19އާއި ގުޅިގެން މެމްބަރު ސަލީމް ކުރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ

ދުނިޔޭގެ ހާލަތު

މުޅި ދުނިޔޭގައި މިހާތަނަށް 150,379,130 މީހުންވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. 3,167,228 މިލިއަން މީހުން މިބަލީގައި ދުނިޔެ ދޫކޮށްފިއެވެ. އަދި 127,925,245 މީހުން މިބަލިން ފަސޭހަވެފައި ވެއެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 222 ގައުމަކަށް މިބަލިފެތުރިގެން ގޮސްފައިވާއިރު، މި ބަލީގައި މިހާތަނަށް އެއް ދުވަހަކަށް ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ، މިއަހަރު ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަ އެކަނި ދުނިޔޭގެ އެކި ގައުމުތަކުން 17،347 މީހުން ކޯވިޑް19ގައި މަރު ވެފައި ވެއެވެ.

ކޯވިޑް19 ދުނިޔޭގައި ފެތުރެން ފެށިފަހުން 16 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިބަލީގެ ޝިކާރައަކަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ވެގެން ގޮސްފައިވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާގައި މިހާތަނަށް 32,983,949 މީހުން ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، އަގައުމުގައި އެކަނިވެސް، 588,341 މީހުންވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ދެވަނައަށް، ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވަނީ އަވައްޓެރި އިންޑިއާގައެވެ. އެގައުމުގައި މިއަދާ ހައަށް 18,376,524 މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ. އަދި 204,832 މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

މުޅި ދުނިޔޭގައި 222 ގައުމެއްގައި، އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން، މިބަލި ފެތުރެމުންދާއިރު، މި ގައުމުތަކުގައި، މިހާތަނަށް މިބަލި ޖެހިފައިވާ މީނުހުންގެ ނިސްބަރުން ގިންތި ކުރާނަމަ ރާއްޖެ އުޅެނީ 120 ވަނައިގައެވެ.

ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެ، ހޮސްޕިޓަލްތައް ފުރި، އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ވަނީ އޮކްސިޖަން ހުސްވެފަ

ވެކްސިން

ކޯވިޑ119އާއި ދެކޮޅަށް އެކިއެކި ބޭސް، ފެށުނީއްސުރެ ބޭނުންކުރެވެމުން އައިސްފައިވި ނަމަވެސް، މިބައްޔާއި ދެކޮޅަށް މިހާރު ފޯރުކޮށްދެމުންދާ ހަގީގީ ފަރުވާއަކީ ދުނިޔޭގެ އެކި ގައުމުތަކުން އުފައްދާފައިވާ ކޯވިޑް19 ވެކްސިނެވެ.

މިގޮތުން ދުނިޔޭގެ 5 ގައުމަކުން ވަނީ، ކޯވިޑް19އާއި ދެކޮޅަށް ވެކްސިންތައް އީޖާދުކޮށް، އެގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށަފައެވެ. އަދި މިވެކްސިންތައް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ދެވެމުންނެވެ.

ކޯވިޑް19އާއި ދެކޮޅަށް ވެކްސިންތައް އީޖާދު ކުރެވި، ފުޅާދައިރާއެއްގައި ވެކްސިން ދޭން ފެށިފައިވީ ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކޯވިޑްގެ ނުރައްކާތެރިކަން ދުނިޔެއިން ފިލައިގެން ގޮސްފައި ނުވާކަމެވެ.

ރާއްޖެވެސް ހިމެނޭ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19އާއި ދެކޮޅަށް ވެކްސިން ދެމުން ދިޔަ ނަމަވެސް، ދުނިޔޭގެ އެތައް ގައުމެއްގައި އަދިވެސް ކޯވިޑް19 ފެތުރެމުންދާ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް، ވެކްސިން ދެމުންދާ އަނެއްބައި ގައުމުތަކުގައި، ބައްޔަށް ގިނަބަޔަލު ޕޮޒިޓިވް ވަމުންދިޔަ ކަމުގައިވި ނަމަވެސް، ޕޮޒިޓިވް ވަމުންދާ މީހުންގެ ހާލަތު ގޯސްވެގެން ދިއުން ހިފެހެއްޓުމެއްގެ ތެރޭފައި ވާކަމަށް ބައެއް ތަފާތު ހިސާބުތަކުން ވަނީ ދައްކާފައެވެ.

މިގޮތުން އެމެރިކާއަށް ބަލާއިރު، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި އެގައުމުގައި ކޯވިޑް19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ %26 ދަށްވެގެން ގޮސްފައެވެ. އަދި މިމުއްދަތުގައި، ކޯވިޑް19ގައި މަރުވެފައިވާ މީހުންގެ އަދަދުވަނީ %7 ދަށްވެފައެވެ.

އެހެންނަމަވެސް، ދުނިޔޭގެ ނިސްބަތުން ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 28 ދުވަހު، ކޯވިޑް19އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ %12 އިތުރު ވެފައެވެ. އަދި މަރުވާ މީހުންގެ ނިސްބަތް %9 ވަނީ މަތިވެގެން ގޮސްފައެވެ.

އެހެންކަމުން، މި ތަފާސް ހިސާބުތަކަށް ބަލާއިރު، ވެކްސިން ދޭ ގައުމުތަކުގައި ކޯވިޑް19ގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނަމުން ދިޔަ ނަމަވެސް، މުޅި ދުނިޔެ އަދިވެސް އޮތީ މި ގިލަންވެރިކަމުގެ ތެރޭގައި ކުރިއެރުމެއް ނުލިބިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދާދި ފަހުން ބުނެފައިވަނީ، ދުނިޔޭގައި ކޯވިޑް19އާއި ދެކޮޅަށް ވެކްސިން ދެމުންދާތާ 5 މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ދުނިޔޭގެ ގައުމުތަކުގައި ވެކްސިން ދެވެމުންދަނީ އެއްވެސް ހަމަހަމަ ކަމެއް ނެތިކަމުގައެވެ.

މިގޮތުން، މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް މުޅި ދުނިޔޭގައި ދީފައިވާ ކޯވިޑް19 ވެކްސިން ޑޯޒްތަކުގެ އަދަދު 1 ބިލިއަނަށް އަރާފައިވާއިރު، ދުނިޔޭގެ ފަގީރު ގިނަ ގައުމުތައް އަދިވެސް ވެކްސިން ދިނުމުގައި ވަރަށް ބޮޑަށް ފަހަތުގައި އުޅޭކަން ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. މިގޮތުން، ފާއިތުވެދިޔަ ޑިސެމްބަރ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް ވެކްސިން ދޭން ފަށާފައި ވީނަމަވެސް، އޭގެ ފަހުން މުޅި ދުނިޔޭގައި މިހާތަނަށް ދެވިފައިބާ 1 ބިލިއަން ޑޯޒް ވެކްސިންގެ ތެރެއިން، %50 ވެކްސިން ދީފައިވަނީ ދުނިޔޭގެ އެންމެ 3 ގައުމެއްގައިކަން، ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. އެ ގައުމުތަކަކީ، އެމެރިކާ، ޗައިނާ އަދި އިންޑިއާއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ، ޔޫއެންއިން ކުރިޔަށް ގެންދާ “ކޯވެކްސް” ޕްރޮގްރާމްގެ ދަށުން ފަގީރު ގިނަ ގައުމުތަކަށް ވެކްސިން ލިބިދެވޭނެ މަގުތައް ފަހިވެފައި ވީނަމަވެސް، ކޯވިޑް ވެކްސިން އަދިވެސް އާންމުކޮށް ލިބެން ހުރީ، ވާރލްޑް ބޭންކުން، މުއްސަދި ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުގައިކަމުގައެވެ. މި ގައުމުތަކުން ހިއްސާކުރަނީ ދުނިޔޭގެ އާބާދީގެ %16 އެވެ. މި ގޮތުން ރަސްމީ ފަރާތްތަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ދުނިޔޭގައި ދީފައިވާ ވެކްސިން %47 ދީފައިވަނީ ދުނިޔޭގެ މުއްސަދި ގައުމުތަކުގައެވެ.

އަދި ޔޫއެން މިމަހު ކުރީކޮޅު ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފަގީރު ގައުމުތަކުގައި ދީފައިވަނީ، މުޅި ދުނިޔޭގައި ދީފައިވާ ވެކްސިންގެ އެންމެ %0.2 އެވެ.

އެހެންކަމުން، ހަމަ ހަމަ ގޮތެއްގައި، ކޯވިޑް19 ވެކްސިން ދުނިޔޭގައި ދެވެމުން ނުދާއިރު، އަދި މިހާރުވެސް ކޯވިޑް19ގެ މުޅިން އާ ވޭރިއެންޓްތައް ދުނިޔޭގެ އެކިހިސާބުތަކުގައި ތައާރަފް ވަމުންދާއިރު، ވައިރަސް ފަހާ ދުވެ، މި ރޭހުގައި އަވަސް މުސްތަގުބަލެއްގައި ދުނިޔެއަށް ކުރިއެރުން ހޯދުމަކީ އެކަށީގެން ނުވާކަމެއްގައި ކަމުގައި ގިނަ ސިއްޙީ މާހިރުން ދަނީ ބުނަމުންނެވެ.

ދުނިޔޭގައި މިހާތަނަށް ދެވުނު 1 ބިލިއަން ވެކްސިންގެ %50 ދެވިފައިވަނީ އެންމެ 3 ގައުމެއްގައި

އަދި ބައެއް ސިއްޙީ ތަޖުރިބާކާރުން ބުނަމުންދަނީ، މި ވައިރަސް މިއުޓޭޓްވެ، މުޅިން އާ ވޭރިއަންޓްތައް އުފަންވަމުން ދާއިރު، މިވައިރަހާ ދެކޮޅަށް މިހާރު ބޭނުން ކުރެވެމުންދާ ވެކްސިންތަކުގެ ބޭނުން ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކެޑި، މި ބައްޔާއި ދެކޮޅަށް ހަގުރާމަ ކުރުމަށް އާ ވެކްސިންތަކެއް އުފެއްދުމަށް ދުނިޔެއަށް މަޖުބޫރުވެގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމުގައެވެ.

އެހެންކަމުން، މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކުރިޔަށް އޮތީ އަދިވެސް، ސިއްޚީ މިކާރިސާގެ ގަދަ ކަނޑުގައި ދުނިޔޭގެ ގައުމުތައް ދުއްވަންޖެހޭ ދިގު ރާސްތާއެކެވެ.

ރާއްޖޭގައި، އަޅާފައިހުރި ފިޔަވަޅުތައް ވަނީ ދޫކޮށްލެވިފައި!

ފާއިތުވެދިޔަ 1 އަހަރަކީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ދިވެހި ރާއްްޖެއަށްވެސް ދަތި އަހަރެކެވެ. ކޯވިޑް19ގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެ، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، ރާއްޖޭގެ އިގުދިސާދަށް އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ އަހަކެވެ. ރާއްޖޭގެ އިގްތިސާދު ވެއްޓުނު ވަޅުގަޑުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުން އަދި މިއަދާ ހަމައަށް ހަގީގީ އަލިމަގެއް ފެނިފައި ނުވާއިރު، ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ފާއިތުވެދިޔަ އެއް އަހަރު ވެގެން ދިޔައީ، މިދަތިކަން ރައްޔިތުންނަށް އިންތިހާއަށް ބޮޑުވެގެން ދިޔަ އަހަރެއް ކަމުގައެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެޅި ގިނަ ގުނަ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ، ކޯވިޑް އެންމެ ބޮޑަށް ފެތުރެމުން ދިޔަ ދަޑިވަޅުތަކުގައި، ޕޮޒިޓިވްވީ މީހުންގެ އަދަދުތަކުން ފެންނަމުން ދިޔަތަން ފެނުނެވެ. ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެގެން ދިޔަ ނަމަވެސް، މި ހަރުކަށި ފިޔަވަޅުތަކަށް ލުއި ނުދީ، އެޗްޕީއޭއިން ހިފަހައްޓަމުން އައީ ކޯވިޑް19ގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިމަށްޓަކާ، މަޖުބޫރީ ހާލަތުތަކެއް އޮތުމުންކަމުގައި ދެންނެވިދާނެއެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ ހައެއްކަ މަސްދުވަހަށް ބަލާއިރު، އެޗްޕީއޭއިން އެ މުވައްސަސާގެ ސިޔާސަތުތަކަށް ބަދަލު ގެނެސް، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށިތަން ވަނީ ފެނިގެން ގޮސްފައެވެ. އެސްއޯޕީތަކަށް ބަދަލު ގެނެސް، ކަރަންޓީވުން ލާޒިމް ކޮށްފައި އޮންނަ އޮތުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައެވެ.

މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނު ވާން ނުޖެހޭގޮތަށް އެޗްޕީއޭއިން ނިންމި ކުއްލި ނިންމުމެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް، ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވުން ލާޒިމް ނުވާގޮތަށް އެ މުވައްސަސާއިން ނިންމި ނިންމުމަށް އެތައް ބައެއްގެ ފާޑިކިއުން އަމާޒު ވެގެން ދިޔައެވެ. ފާޑުކިއުންތަކާއެކު، މި ނިންމުމަށް 24 ގަޑިއިރު ނުވަނީސް، އެޗްޕީއޭގެ އެނިންމުން ބަދަލު ކޮށްފައި ވެއެވެ.

ހަމަ އެއާއެކު، އެއަށްފަހު، ކައުންސިލް އިންތިޚާބާ ދިމާކޮށް، އެޗްޕީއޭއިން، އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭގޮތަށް ނިންމާފައިވާ ނިންމުން އެމުވައްސާސާއިން ނިންމާފައި ވަނީ، އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ދަތުރު ފަށާފައި ވަނިކޮށެވެ.

ނަތީޖާއެއްގެ ގޮތުން، އެޗަޕީއޭގެ ފިޔަވަޅުތަކަށް ލުއިފީފައިވަނީ ހަމަ އެކަނި އެޕާޓީއަށް އޭގެ ފަސޭހަކަން ލިބޭނޭ ގޮތްތައް ބަލާ، އެ އުސޫލުން ވަކިބަހަކަށް ފިޔަވަޅުތަކުގެ ނާޖާއިޒް ފާއިދާ ލިބިދެވޭނޭ އުސޫލުންކަމަށް އެމުވައްސަސާގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ.

ކޯވިޑް ޓާސްކް ފޯހުގެ ބައްދަލުވުމެއް ކުރިޔަށް ދަނީ: އެޗްޕީއޭއަށް ސިޔސީ ނުފޫޒު ފޯރާކަމުގެ ޝަކުވާތައްވަނީ އިންތިހާއަށް އިތުރު ވެފަ

އަދަދުތައް މައްޗަށް، އެޗްޕީއޭ ހަނު

ކޮންމެއަކަށް، ކޯވިޑް19އާއި ގުޅިގެން، ފާއިތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، އެޗްޕީއޭގެ ނިންމުންތަކަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެގެން ގޮސްފައިވާއިރު، މިއަދު އެމުވައްސަސާއަށް ގިނަބަޔަކު ފާޑު ކިޔަމުންދަނީ، ކޯވިޑް19 އިންތިހާއަށް ފެތުރެމުންދާއިރު، މާލޭގައި އަޅާފައިވާ ފިޔަވަޅުތައް އެކުއެކީ ދޫކޮށްލާފައި އޮންނަ އޮތުމާއި ގުޅޭގޮތުންނެވެ.

ދުވަހެއް ދުވަހަކަށް ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް މަތިވަމުން ދާއިރު، އަދި، އަވައްޓެރި އިންޑިއާގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާއިރު، އެޗްޕީއޭއިން، އަޅާފައިވާ ފިޔަވަޅުތައް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލެވިފައި އޮންނަ އޮތުމުގެ އަސްލަކީ ކޮބައިކަން، މިއީ މިހާތަނަށް ގިނަ ބަޔަކު ކުރަމުން އައި ސުވާލެކެވެ.

މިސުވާލުގެ ޖަވާބު އިއްޔެ ބޭއްވުނު އެޗްޕީއޭގެ ނޫސްކޮން ފަރެންސްގައި އެ މުވައްސަސާއިން ވަނީ ދީފައެވެ. އިސް ބޭފުޅުން ވިދާޅުވެފައިވަނީ، އެޗްޕީއޭގެ އަމާޒަކީ، ވީހާ ގިނަބައަކަށް އަވަހަށް ވެކްސިން ޖަހާ ނިންމުން ކަމުގައެވެ.

އެހެންނަމަވެސް، ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ދިއުމާއި، އަދިވެސް މިބަލީގައި މީހުން މަރުވަމުންދާ ދިއުމާ، ތައާރަފްވަމުންދާ އާ ވޭރިއަންޓްތަކުގެ ނުރައްކަލަށް ބަލާއިރު، ހަމަ އެކަނި ވެކްސިން ހުއްޖަތަކަށް ދައްކާ، އަޅާފައިވާ ފިޔަވަޅު ދޫކޮށްލައިގެން ތިބުން، މިއީ ކޮންބާވަތެއްގެ ހައްލެއްތޯ އަދިވެސް ދަނީ ހިތުގައި ސުވާލު އުފެދެމުންނެވެ.

ވެކްސިންތައް ދުނިޔެއަށް ތައާރަފް ވެގެންދިޔަ ނަމަވެސް، ކޯވިޑްގެ ހާލަތަށް ބަދަލު އައިސްފައެއް ނުވެއެވެ. ނުވަތަ އަންނަމުންދާ ކަމަކަށް ތަފާސް ހިސާބުތަކުން ނުދައްކައެވެ. އެހެންނަމަވެސް، ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސް، މާލޭ ސިޓީގައި، އެޗްޕީއޭއިން މިވަނީ، ފިޔަވަޅުތައް ދޫކޮށްލާ، ވެކްސިނަށް ބަރޯސާކޮށް، ވާނެ އެއްޗެއް ވާން ދޫކޮށްލާފައެވެ. ކޯވިޑްގެ ބިރުވެރިކަމުގެ ތެރޭގައި އެންމެން މިތިވީ ވާނުވާގައެވެ.

ވެކްސިނަކީ، ފިޔަވަޅުތަކާ ނުލާ ހައްލެއްތޯ މިކުރެވޭ ސުވާލަށް އޭގެ ޒާތުގައި ލިބެން އޮތީ ކޮން ޖަވާބެއްތޯ ގިނަ ބަޔަކު މިތިބީ ބަލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *