ބްރޯޑްކޮމް އަށް ޝިފްލާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމް އަށް ޝިފްލާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
29 އޭޕްރިލް 2021 03:59
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް، މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ވޯޓުންނެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އިބްރާހިމްގެ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައިވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހުއެވެ. ޝިފްލާގެ ނަން ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމީ ރައީސް ނަން ފޮނުއްވި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އިއްތިފާގުންނެވެ. ފާތުމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަން ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ފާހެއްނުވިއެވެ. ކޮމެޓީގައި 11 މެމްބަރުން ތިއްބެވިއިރު އެ ދެ ބޭފުޅުންނަށް ވެސް ލިބުނީ ހަ މެމްބަރުންގެ ވޯޓެވެ.

މިއީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.