އީގަލްސް އިން ވެލެންސިއާ ހިފަހައްޓައިފި

އީގަލްސް އިން ވެލެންސިއާ ހިފަހައްޓައިފި

Author
ޔޫސުފް
29 އޭޕްރިލް 2021 07:17
0

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އިން ވެލެންސިއާ ހިފަހައްޓައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މި މެޗުގެ 16 ވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އީގަލްސްގެ މުޙައްމަދު ނާއިމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އީގަލްސް އާއި ވެލެންސިއާ ފުރަތަމަ ބުރުގައި ކުޅުނު މެޗު، ވެލެންސިއާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމަށް ބަލައި ތިން ޕޮއިންޓަށް އޭނާ އުންމީދު ކުރި ކަމަށެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗުގެ ފުރަތަމަ ހާފު ވެލެންސިއާއިން ވަރަށް ރަނގަޅަށް ކުޅުން ކަމަށާއި، އަދި އެ ހާފުގައި ވެލެންސިއާއަށް ލަނޑު ޖަހަން ފުރުސަތުތަކެއްވެސް ލިބިގެންދިޔަ ކަމަށެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 14 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 17 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.