ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ. އޭޖީ އޮފީހުން ބުނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުއްވީ މިދިޔަ ހޯމަ ދުވަހުކަމަށެވެ.
ސްޖޭ ކޮންސްޓްރަކްޝަނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުންޔަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިނުވާ ސަބަބު މަޖިލީހާ ހިއްސާކުރުމަށް ފިނޭންސް މިނިސްޓްރީއަށް މާލިއްޔަތު ކޮމިޓީން އަންގައިފައިވެއެވެ. ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި މިސްކިތް ތަޅާލާ، އޮފީސް ބައިތަކާއެކު “ދާރުލް ޛިކްރާ”ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް ދައުލަތުން އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް މަޖިލީހުން ފިނޭންސް މިނިސްޓްރިއަށް އަންގާފައިވާތާ މިހާރު ވަނީ އަހަރެއް ފާއިތުވެގެން ގޮސްފައެވެ.
ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި މިސްކިތް ތަޅާލާ، އޮފީސް ބައިތަކާއެކު “ދާރުލް ޛިކްރާ”ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެސް.ޖޭ ކޮންސްޓްރަކްޝަނާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
ޒިކުރާ މިސްކިތް އެޅުމަށް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 30 މިލިޔަން ރުފިޔާއެވެ. އަދި ބާކީ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުންނެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 130 މިލިޔަން ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ މިސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލާފައެވެ. އެހެންކަމުން އެ އެއްބަސްވުން އުވާލުމުން އެކުންފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެސްޖޭ ކޮންސްޓަރަކްޝަނުން ވަނީ މައްސަލަ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހުށައަޅާފައެވެ.
އެމައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވެސް ވަނީ އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ނިންމާފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކުރާ ސްޓްރަކްޗަރަލް ޑްރޮވިންގއާއި، އާކިޓެކްޗަރަލް ޑްރޮވިންގ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާތީކަމަށް ދެފަރާތުގެ ވާހަކަތަކުން އެނގެން އޮތްކަމަށެވެ.އަދި އެ ޙުކުމުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 9 ޖުލައި 2018 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަން އެނގޭކަމަށެވެ.
އެއްބަސްވުން ބާޠިލުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނޯޓިސްފޮނުވައި، އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށްކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަނުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިވާ ނުވާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމުގައިވެއެވެ. އަދި މި މައްސަލައިގައި އެސްޖޭ ކޮންސްޓަރަކްޝަނުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށްނުވާތީ، އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކުރާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމުގައިވެއެވެ.
މި މައްސަލާގައި ބަދަލު ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާއިރު، ޒިކްރާ މިސްކިތުގެ ހެދުމަށް 2018 ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައިވެސް ހާމަކޮށްފައިވެއެވެ. އަދި މިމައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދާއި، އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށްހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ