ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ހޯދުމަށް ފަންސާސް މިލިއަން ރުފިޔާ ހޯދުމަށް ހުށައެޅިކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މަންދު ކޮލެޖަށް ބޮޑު ބަަދަލެއް ދައުލަތުން ދޭން ޖެހުމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވާ މަންދުކޮލެޖުގެ ވެރިޔާ އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވަމުންނެވެ.
މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ހުކުމްކުރައްވާއިރު، އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަނެއްހާ ރުފިޔާ ކަމަށް އޮޑިޓް އޮފީހުން އެކަމާ ގުޅިގެން ހަދާފައިވާ އެސެސްމަންޓަކުގައިވާކަން ވަނީ ހާމަވެފައެވެ.
އެކަމާއި ގުޅުގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުއ ަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ، އަދިވެސް ކުރިއަށް ބައިވަރު ބަދަލު ހޯދުމަށް މަންދު ކޮލެޖުން ހުށައަޅާފައިވާކަމަށެވެ. ހުރިހާ ބަދަލެއް އެއްކޮށްލުމުން 50 މިލިއަން އަރާކަމަށް އާޒިމް ވިދާޅުވިއެވެ.
މިއީ އަޅުގަނޑު މިބުނާ ވާހަކަ. މިކަމަށްވެސް ކޮންމެސް ވާހައެއް އެބައޮތް ދެއްތޯ؟ އަދިވެސް ކުރިއަށް ބައިވަރު ބަދަލު ތިޔަ ކޮލެޖުން ހުށައަޅާފައިވަނީ. ހުރިހާ ބަދަލެއް އެއްކޮށްލުމުން 50 މިލިއަން އަރާކަމަށްވަނީ.
– އިބްރާއަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ އެ ޓްވީޓަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، 50 މިލިއަނަށްވުރެ މާބޮޑުވާނެކަމަށާއި، ނިމުމުން ބުނާނެކަމަށެވެ.
މުޅި ގޮސް އައްޔާ، 50 މިލިއަނަށްވުރެ މާ މާ ބޮޑުވާނެ. ނިމުނީނަ ބުނާނަން.
– އިބްރާހީމް އިސްމާޢީލް
އެމްއީއެސް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު 28 ޑިސެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް 6 އެޕްރީލް 2010 ގައި މަންދުކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އޮތީ ބަދަލުކޮށްފައެވެ. މަންދުކޮލެޖް ހިންގަމުންދަނިކޮށް އިއްޒުއްދީން މިހާރު ހިންގަމުންދާ އިމާރާތް އެޑިއުކޭޝަނުން ބަންދުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ.
އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ