ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެކަމަށް ކްލަބް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވި މެޗަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން އާތީ ބުނީ، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ގެއްލިގެން ދިޔައީ ވަރަށް މުހިއްމު 3 ޕޮއިންޓް ކަމަށެވެ. އަދި އެއީ ލީގުގެ ރަނގަޅު ހިސާބެއްގައި ދެމި އޮތުމަށް ހޯދަން ޖެހޭ ވަރަށް މުހިއްމު 3 ޕޮއިންޓްކަމަށެެވެ. އެ 3 ޕޮއިންޓް ގެއްލުމާއެކު މިހާރު ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެކަމަށްވެސް އާތީ ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފަހު މެޗުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ވާހަކަ ދައްކަމުން އާތީ ބުނީ، ލީގުގައި ކުޅޭ ކޮންމެ މެޗަކީވެސް ވެލެންސިއާއަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި، ހަމަ އެއުސޫލުން އީގަލްސް މެޗުވެސް ވެލެންސިއާއަށް ވަރަށް މުހިއްމު ކަމަށެވެ. އާތީ ބުނީ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްގެ ނަތީޖާތައް ދައްކޮށް ފެނުނު ނަމަވެސް މިހާރު އީގަލްސް އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން ކަމަށެވެ. އެހެންކަމުން މި މެޗުން މޮޅުވާން ވެެލެންސިއާ ވަރަށް މަސައްކަތްކުރަން ޖެހޭނެކަމަށް ޕްރެސްގައި ވާހަކަ ދައްކަމުން އާތީ ބުންޏެވެ.
ފަސޭހަ ޓީމެއް ނޫން އީގަލްސްއަކީ. މުބާރާތުގެ ކުރީކޮޅު ފުރަތަމަ ރައުންޑްގައި ދަށްކޮށް އެމީހުން ޓީމު ތެރޭގައި ކޮންމެސް ކަންތައްގަނޑެއް ހުރީކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. އީގަލްސް އަކީ މިދިޔަ 3 އަހަރުވެސް ވަރަށް ރަނގަޅަށް ޕާފޯމްކުރަމުން އައި ޓީމެއް. އެހެންވީމަ އީގަލްސް މިހާރު އޮތީ ރަނގަޅު ފޯމެއްގައި. ވެލެންސިއާ ވަރަށް މަސައްކަތް ކުރަން ޖެހޭނެ އީގަލްސް މެޗުން މޮޅުވާން.
އާތިފް ބުނީ ލީގުގެ ތިންވަނަ ބުރު ނިމޭއިރު ޓީމު އޮންނާނީ ކިހާ ހިސާބެއްގައި އިނގޭނެ ޓީމެއް މާޒިޔާ ފިޔަވައި ނެތްކަމަށެވެ. ސަބަބަކީ ޓީމުތަކުގެ މެދުގައި ޕޮއިންޓްތައް ހުރިގޮތުންނެވެ. އާތީ ބުނީ 4 ޕޮއިންޓްގެ ލީޑެއް މިހާރު އޮތަސް އެއީ މާ ބޮޑު ލީޑެއް ނޫންކަމަށާއި، މިހާރު އޮތް މަޤާމު ދެމެހެއްޓުމަށް އީގަލްސް މެޗު ކާމިޔާބުކުރުން މުހިއްމު ކަމަށެވެ.
މި މެޗަށް ނުކުންނައިރު ކްލަބް ވެލެންސިއާ ލީގުގެ 2 ވަނައިގައި އޮތީ 13 މެޗު ކުޅެގެން ލިބުނު 24 ޕޮއިންޓާއެކުއެވެ. އީގަލްސް 4 ވަނައިގައި އޮތަީ 12 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ