ކްލަބް އީގަލްސްގެ އަސްލު މަޤާމުގައި އޮތުމަށް ކުރަންޖެހޭ މަސައްކަތް އަދި މި ފެށުނީ ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެެލެންސިއާ އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާޒްލީ ބުނީ، ލީގުގެ ދެވަނަ ބުރުގައި އޭނާ އީގަލްސްއާއި ހަވާލުވިއިރު މެނޭޖްމަންޓުން ކަނޑައެޅި ޓާގެޓަކީ ގަދަ ހައެއްގައި ޓީމު ބޭއްވުންކަމަށެެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިން ތިބީ އެއަށްވުރެއް ރަނގަޅު ހިސާބަކަށް ޓީމު ގެންގޮސްދިނުމުގެ ރޫހުގައި ކަމަށް ޝާޒްލީ ބުންޏެވެ. ޝާޒްލީ ބުނީ ދެވަނަ ބުރުގެ ފަހު މެޗާއި ހަމައަށް އައިއިރު، ޓީމު މިހިސާބުގައި މި އޮތީ ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށެވެ. އެހެންކަމުން އަސްލު މަޤާމަށް ޓީމު ގެންދިއުމުގެ މަސައްކަތް އަދި ފެށުނީ ކަމަށް ޕްރެސްގައި ވާހަކަ ދައްކަމުން ޝާޒްލީ ބުންޏެވެ.
ވަރަށް މުހިއްމުކަމެއް މިހާރު އީގަލްސްއަށް މި ފޯމުގައި ކުޅުންތެރިން ބޭތިއްބުން. ދެން އީގަލްސްގައި ތިބި ކުޅުންތެރިން ވަރަށް ހަމަ މޯޓިވޭޓްވެފައި. އަނެއްކާ ރޫހު ވަރަށް ރަނގަޅު. ދެން ފުރަތަމަ ބުރުގައި އެހެން އޮވެފައި ދެވަނަ ބުރުގައި މިވަރުގެ ނަތީޖާއެއް ނެރެވުނީ ވަރަށް މަސައްކަތުން. އީގަލްސްގެ އަސްލު މަގާމުގައި އޮންނަން ކުރަން ޖެހޭ މަސައްކަތް އަދި މި ފެށުނީ.
ލީގުގައި ކުރިޔަށް އޮތް މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝާޒްލީ ބުނީ ވެލެންސިއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އީގަލްސްއަށް ފަސޭހަ ނުވާނެކަމަށެވެ. ސަބަބަކީ އެންމެ ފަހުން ލީގުގައި ވެެލެންސިއާ ކުޅުނު މެޗުން އެޓީމު ބަލިވެފައި އޮތުމާއި، ލީގުގައި މިހާރު އެޓީމު އޮތް މަޤާމުގައި އޮތުމަށް ވެެލެންސިއާއިން މި މެޗުގައި ވަރަށް މަސައްކަތް ކުރާނެތީކަމަށެވެ. ޝާޒްލީ ބުނީ ވެެލެންސިއާ އަކީ ކިހާ ފެންވަރެއްގެ ޓީމެއްކަމާއި، އެޓީމުގެ ކުޅުންތެރިން ފެންވަރު އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށެވެ. އެހެންކަމުން އީގަލްސް އޮތީ ވަރަށް ފުރިހަމައަށް މި މެޗަށް ތައްޔާރުވެފައިކަމަށް ޝާޒްލީ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ކްލަބް ވެލެންސިއާ ލީގުގެ 2 ވަނައިގައި އޮތީ 13 މެޗު ކުޅެގެން ލިބުނު 24 ޕޮއިންޓާއެކުއެވެ. އީގަލްސް 4 ވަނައިގައި އޮތަީ 12 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ