އޮކްސިޖަން ސިލިންޑަރު ގެނައުމުގެ ކޮރަޕްޝަންގެ މައްސަލައަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފާސްކޮށްފި

އޮކްސިޖަން ސިލިންޑަރު ގެނައުމުގެ ކޮރަޕްޝަންގެ މައްސަލައަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2021 01:35
0

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ކަށަވަރުކުރެވޭތީ، މޯލްޑިވްސް ގޭސްއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވޭކަމަށް ބުނެ އެ ފައިސާ ހޯދުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެއިއްތިފާގުންނެވެ.

މި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގައި ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޓީއަށް ތުހުމަތުކުރެވޭކަމަށާއި އަދި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އޯޑަރު ދީފައިވަނީ އާ ސިލިންޑަރު ގަންނަން ނަމަވެސް އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވަނީ ރީފަރބިޝް ސިލިންޑަރުކަން ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރު ކުރެވިފައިވާކަމަށެވެ.

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ރާއްޖެ ގެނެސްފައިވާ އޮކްސިޖަން ސިލިންޑަރުތައް "ހައިޑްރޮސްޓޭޓިކްޓެސްޓް ހެދިގެން މެނުވީ ބޭނުން ނުކުރެވޭނެކަމާއި، އަދި "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހެދުމަށް އެތައް ހޭދައެއް ކުރަންޖެހިފައިވުމުން، ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމުން، އެގެއްލުމުގެ ބަދަލު އޭ އެންޑް ޑީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެ ދެ ކުންފުންޏާ ނެގޯޝިއޭޓްކުރުމަށާއި، އަދި އެ ފައިސާ ހޯދުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގައި ހިންގަމުން އަންނަ މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުމަކަށް ގެނެސް، އެފަދަ ކަންކަން ތަކުރާރު ނުވާނޭހެން ކުންފުނި ބައްޓަންކޮށް، ކޯޕަރޭޓް ގަވަރނެންސް އުސޫލުގެ ތެރެއިން އުފައްދަންޖެހޭ އެންމެހައި ކޮމިޓީތައް އެކުލަވާލައި، އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް، އަލަށް އެކުލަވާލެވުނު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ބޯޑަށް ދެންނެވުމަށްވެސް ރިޕޯޓްގައިވެއެވެ. އަދި އިންޓަރނަލް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ އިޞްލާޙު ކުރެވިގެން ޙައްލުކުރެވޭނެ މައްސަލަތަކެއް ކަމަށްވާތީވެ، ޕްރޮކިއުމަންޓް ޕޮލިސީ އިޞްލާޙުކުރުމަށް މޯލްޑިވް
ގޭސް ޕްރައިވެޓް ލިމިޓެޑުގެ ބޯޑަށް ދެންނެވުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި ޕްރޮކިއުމަންޓް ޕޮލިސީ އިޞްލާޙުކުރުމަށްފަހު މިމަހުގެ 30ގެ ކުރިން އެސްއޯއީ ކޮމިޓީއަށް ފޮނުއްވުމަށް ދެންނެވުމަށާއި، ޕްރޮކިއުމަންޓް ޕޮލިސީގެ ތެރެއިން ކުންފުނީގެ ވެންޑަރ ރެޖިސްޓްރޭޝަން ޕްރޮސެސްއާއި، ޕާރޗެސް އޯޑަރުކުރުމުގެ ނިޒާމު ހަރަދުނާކުރުމަށް ދަންނަވައި،އަދި ޕްރޮކިއުމަންޓް ޕޮލިސީގެ ތެރެއިން 100 އިންސައްތަ އެޑްވާންސްކޮށް ފައިސާ ދެއްކުމަށް އޮންނަ އުސޫލު ބަދަލުކުރުމަށް ދެންނެވުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރާމެދު ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަތަކަށް 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ނިމިފައިނުވާކަމާއި، އަދި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް ސިލިންޑަރުތަކުގެ މައްސަލައިގައި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރާމެދު ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަ އެ ކޮމިޝަނުން މިހާރު ތަޙުޤީޤްކުރަމުންދާކަމަށް ކޮމިޓީއަށް މަޢުލޫމާތު ލިބިފައިވާކަމާއި، ވިމާ، މިފަދަ ޚައްސާސީ މައްސަލަތަކަށް ގޮތެއް ނިންމުން އަވަސްކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވަނީ އެކުންފުނީގެ ތެރެއިންކަމަށް ކޮމިޓީއަށް ތުހުމަތުކުރެވޭތީ، ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރާއި، ކުންފުނީގެ މުވައްޒަފުން ހިމެނޭގޮތަށް މި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވައި، މި މައްސަލައިގައި އިޙްމާލުވާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކޮށްދިނުމަށް ދެންނެވުމަށްވެސް މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވެއެވެ.

މަޖިލީހުގެ ރިޕޯޓްގައި ވަނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގެނެސްފައިވާ ސިލިންޑަރުތަކުގެ "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހަދާފައިވީނަމަވެސް އެ ޓެސްޓް ހަދާފައިވާ ކުންފުންޏަކީ މެޑިކަލް އޮކްސިޖަން އުފެއްދުމާއި ވިއްކުމުގެ ހުއްދަ އޮންނަ ކުންފުންޏެއް ނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގަވާފައިވާތީއާއި، އަދި "ހައިޑްރޮސްޓޭޓިކް" ޓެސްޓަކީ ޕްރީފިލްކުރުމުގެ ކުރިން ކޮލިޓީ އެޝުއަރކުރުމަށްޓަކައި ކޮންމެ ސިލިންޑަރަކަށް ވަކިވަކިން ކޮންމެހެން ހަދަންޖެހޭ ޓެސްޓެއްކަމަށް އެ އޮތޯރިޓީން އަންގަވާފައިވާތީ، "ހައިޑްރޮސްޓޭޓިކް" ޓެސްޓް ހެދުމަށް ފަހުގައި ނޫނީ އެއްވެސް ސިލިންޑަރެއް ބޭނުންނުކުރުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްވެސް ހިމަނާފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްތަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުވެސް ހުރީ ސަސްޕެންޑްކޮށްފައެވެ. އެ ކުންފުންބނަކީ މިދިޔަ ސަރުކާރުގެ ދައުރުގައިވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހާމަވި ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.