ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ. އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިެވަޑައިގެންނެވި 48މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް 1 މެންބަރަކު ވޯޓް ދެއްވިއެވެ.
މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަގާއި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވަމުން މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. އަދި ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ފޮނުއްވާފައެވެ. އެ މައްސަޅާގައި ކޮމިޓީއަށް މަލީހު ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އެކޮމިޓީގައި މަލީހު ވަނީ އޭނާ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ޤާނޫނީ އިމުން ބޭރުންކަމަށްބުނެ، ޤާނޫނުގެ ބައެއް މާއްދާތަށް ވިދާޅުވެ، އެމާއްދާތަކާއި ގުޅޭ ސުވާލުތައް ކުރިމަތިކޮށްފައެވެ.
މަލީހުގެ މިތުހުމަތުތަކާއި ގުޅިގެން އިމްތިޔާޒު ކޮމިޓީގައި މެމްބަރުންވަނީ މިކަމުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ މިސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.
މަލީހުގެ މައްސަލަ ބެލުމަށްފަހު ކޮމިޓީން ވަނީ މަލީހު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވަހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ކަނޑައަޅާފައެވެ.
އިމްތިޔާޒް ކޮމިޓީން ދިރާސާކޮށް، މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގައި، މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލައިފިނަމަ އެފަރާތެއްގެ އަދަބަކީ -/3,000 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު ޢަދަދުން ނުވަތަ 3 މަސް ދުވަހާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުންކަން ބަޔާންކުރާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން ޝަރީޢަތް މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވާކަންވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.
އަދި އެ ޤާނޫނުގައމަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާއި ކުރެވޭ ސުވާލުތަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމަށް މުޙައްމަދު މަލީޙް ޖަމާލު އުޒުރުވެރިވެފައިވާކަމަށާއި، މަލީހު ޖަމާލް ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށްވެސް މަޖިިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. ނަމަވެސް މަޖިލީހުގެ ނިންމެވުމުގައި މަލީހުގެ މައްޗަށް ދައުވާކުރަން ނިންމަވާފައިވާކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސްވެސް ވަނީ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ނިންމެވުން އެއީކަން ކަށަވަރުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ