ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން މެދުރު 13:00އަށެވެ.
އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ ދިހަ ދާއިރާއެއްގައެވެ. އެހެންކަމުން ރީ ރަޖިސްޓްރީ ކުރަންޖެހޭނީވެސް އެ ދާއިރާތަކުގެ ރައްޔިތުން އެކަންޏެވެ. އެއީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫއެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ 10 ރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެކަމަށާއި، ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް މިހާރު މާލެއަށް ބަދަލުކުރެވިފައިވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަންޖެހޭނީ މާލެ ފިޔަވައި މަތީގައި ދެންނެވިފައިވާ ރަށް ރަށުގެ ރަށު ކައުންސިލް އިދާރާއަށެވެ. އަދި މާލޭގައިނަމަ ފޯމު ހުށައަޅަންޖެހޭނީ އިންތިޚާބާ ބެހޭ މަރުކަޒު ( ބައު ޖަމާލުއްދީން) އިންނެވެ.
ކޮމެންޓު ފޮނުވާ