މިފްކޯއަށް މަސްނުކިރި، ބޮޑެތި ދޯނިފަހަރުން މަހަށް ދިއުން މެދުކަނޑާލައިފި

މިފްކޯއަށް މަސްނުކިރި، ބޮޑެތި ދޯނިފަހަރުން މަހަށް ދިއުން މެދުކަނޑާލައިފި

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2021 10:16
0

މިފްކޯއަށް މަސްގަތުން ލިމިޓްކުރުމާއި ގުޅިގެން ދެކުނުގެ މަސްވެރިން މަހަށް ދިއުން މެދުކަނޑާލައިފިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބޭނޭ މިންވަރު އިތުރުވެފައިވުމާއެކު، މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން 4 ޓަނުގެ މަސް މިފްކޯއަށް ކިރުވޭގޮތަށް ލިމިޓްކޮށްފައެވެ. މިފްކޯއިން އެގޮތަށް ނިންމީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އާއި ސްޓޯރޭޖް ކެޕޭސިޓީ ފުރޭތީކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ބާނާ މަހަށް ހަމަ އަގު ދޭނެކަމަށާއި، ބާނާ މަސްކޮޅު އުކާލަން ނުޖެހޭނެކަމަށް ސަރުކާރުން ވެފައިވާ ވަޢުދާއި ޚިލާފަށް، މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސް ކިރޭގޮތް ނުވުމުން ގިނަ މަސްވެރިން އަންނަނީ ކަންބޮޑޫވުން ފާލުކުރަމުންނެވެ.

މިގޮތުން ދެކުނުގެ ބޮޑެތި އޮޑިދޯނިފަހަރުން ބާނާ މަސްތައް ނުކިރި ކަނޑަށް މަސްތައް އުކާލާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ބާނާމަސްކޮޅު އުކާލަން ނުޖެހި ހަމައަގު ލިބޭނެކަމަށް ސަރުކާރުން ވެފައިވާ ވަޢުދާއި ޚިލާފަށް މަސްކޮޅު ކަނޑަށް އުކާލަންޖެހުމުން ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ މަސްކުންފުނި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފަޢުޒީ ވިދާޅުވީ، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރަން ބޭނުންވާކަމަށާއި، ނަމަވެސް ކޮލިޓީ އެޝުއަރަންސް މިންގަނޑުތަކަށް ފައްތަން މިފްކޯއަށް ކިރާ މަސް ކޯލްޑް ސްޓޯރޭޖަށް ލާންޖެހެނީ ރަނގަޅަށް ފްރީޒްކޮށްފައިކަމަށާއި، އެހެންކަމުން ސްތޯޜޭޖް ކެޕޭސިޓީ ހުރިނަމަވެސް ބައެއް ފަހަރު ހުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ބްރައިންގައި ފްރީޒް ކުރަން ޖެހޭތީ ފްރީޒިން ކެޕޭސިޓީތައް އޯވަލޯޑްވާކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުވެ. މަސްދޯނިތަކުން 35 އާއި 40 ޓަނާއ ދެމެދުގެ ޢަދަދުތަކަށް މަސްބާނައިގެން މިފްކޯއަށް ކިރަން ކިއުގައި ތިބޭއިރު، ވީހާވެސް ގިނަ މަހެއް ކިރަން މަސައްކަތްކުރާކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު 103 ދޯންޏަކުން 711.5 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.