ޕެންޝަން ނުލިބޭގޮތަށް ހުށައެޅި އިޞްލާހު އަނބުރާ ނަގައިފި

ޕެންޝަން ނުލިބޭގޮތަށް ހުށައެޅި އިޞްލާހު އަނބުރާ ނަގައިފި

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 11:23
0

އަސާސީ ޕެންޝަން ލިބޭ މީހުން ދައުލަތު ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން ނުލިބޭގޮތަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ޕެންޝަނާއި ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާހު މަޖިލީހުން އަނބުރާ ނަގައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޕެންޝަނާއި ބެހޭޤާނޫނަށް ހުށައެޅުއްވި އިޞްލާހުތައް ނަގާފައިވަނީ އެ އިޞްލާހު އިތުރަށް ފުރިހަމަކުރުމަށްކަމަށެވެ.

ޕެންޝަނާއި ބެހޭ ޤާނޫނަށް އިޞްލާހު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރުގޮތެއްގައި ދައުލަތާއި މުޖުތަމަޢަށް އެންމެ ފައިދާ ހުރިގޮތަކަށް ޚަރަދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކިވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައިކަމަށް ޝިޔާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޚިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެހެން ޤާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާގުޅޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި އިޞްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ވިދާޅުވިއެވެ.

ޝިޔާން ހުށައެޅުއްވި މި އިޞްލާހާއެކު ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ޕެންޝަން އޮފީސް ހަމަޖެހިގެންދާނެއެވެ އަދި އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީހަށް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ކަނޑައެޅިގެން ދާނެއެވެ.

ޝިޔާން ވިދާޅުވީ މި އިޞްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ޕެންޝަނަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އެގޮތުން މި އިޞްލާހުގެ ދަށުން ދައުލަތަށް ލިބޭ ސޭވިންސް ބިނާވާނީ މި ގާނޫނުން ލިބިދޭ ބާރުތަކާއެކު ދައުލަތުގެ އެހެނިހެން ޕެންޝަންތައް ދެވޭނެ ގޮތާއި މިންވަރާ ގުޅޭ ގޮތުން ދައުލަތުން ކަނޑައަޅާ ސިޔާސަތުގެ މައްޗަށްކަމަށެވެ. މިވަގުތުގެ އަންދާޒާ އަކީ 10 އަހަރުގެ މުއްދަތަކަށް 1.5 ބިލިއަން ރުފިޔާގެ ސޭވިންގްސް ލިބުން ކަމަށާއި، މި 10 އަހަރުގެ ފަހުން ވެސް މީގެ ފައިދާ ސޭވިންގްސް ގޮތުގައި ދައުލަތަށް ލިބެމުން ދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މި އިޞްލާހަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ފެނިގެންދަނީ ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅޭ މަންޒަރުކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ. ޚާއްޞަ ކޯވީޑްގެ މި ދުވަސްވަރު މި އިޞްލާހުގެ ސަބަބުން އިނާޔަތް ލިބޭ އެތައް ރައްޔިތުންނަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.