އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ޢަމަލުކުރާނެ ޚާއްސަ އުސޫލެއް ޢާންމުކޮށްފި

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ޢަމަލުކުރާނެ ޚާއްސަ އުސޫލެއް ޢާންމުކޮށްފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2021 02:08
0

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ޢާއްމު ރަށްރަށުގެ ގެސްޓުހައުސްތަކާއި އެފަދަ ތަންތަނުގައި ޗެކިންވުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ. މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރެފައިވާ އެންގުމުގައި ވަނީ، ވެކްސިން ޖަހާފައިވީނަމަވެސް އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންގެތެރޭގައި އިންޑިއާގައި ޓްރާންސިޓްވެފައި އަންނަ މީހުންނާއި އިންޑިއާގައި ދިރިއުޅެފައި އަންނަ މީހުންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެއަށް އަންނައިރު ޚާއްސަ އުސޫލުގެއްދަށުން ޢަމަލުކުރަން ޖެހޭނެކަމަށް ބުނެފައެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުންފެށިގެން އިންޑިއާއިން އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނީ ޢާއްމުން ދިރިއުޅޭ ތަންތަނާއި މުޅިން ވަކިން ހުންނަ ސިޓީ ހޮޓާ ތަކުގައި އެކަނިކަމަށް އެޗްޕީއޭގެ ނިންމުމުގައިވެއެވެ. އެހެންނަމަވެސް މިވަގުތު ރާއްޖެއަށް އައުމަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ރާއްޖެގައި ތިބުމުގައި އެ ފަތުރުވެރީންނަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހާމަކުރާގޮތުގައި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ފުރުމުގެ ކުރިން ޑިޕާޗަރ ޕީސީއާރް ޓެސްޓްގެ ނެގަޓިވް ނަތީޖާއެއް އޮންނަންޖެހެއެވެ. މީގެއިތުރުން މިއަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންވެސް ހިމެނޭހެން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓް ނަތީޖާއެއް އޮންނާޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި މިފަރާތްތަކުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ހޭދަކޮށް ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން އެކެހެރިވާގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މީގެ ތެރޭގައި އެއްއަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިންޑިއާއިން ރާއްޖެ އަންނަ މީހުންނާ މެދު ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިމިވަނީ މިވަގުތު އިންޑިއާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާތީއެވެ. އެގޮތުން އިންޑިއާގައި އައު ވޭރިއަންޓް ހަލުވިކަމާއެކު ފެތުރި، މިހާރު ކޮންމެ ދުވަހަކުވެސް 3 ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. މިއީ ދުނިޔޭގެ ރެކޯޑް ޢަދަދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.