މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް މުޅި ދުނިޔޭގައި ދީފައިވާ ކޯވިޑް19 ވެކްސިން ޑޯޒްތަކުގެ އަދަދު 1 ބިލިއަނަށް އަރާފައިވާއިރު، ދުނިޔޭގެ ފަގީރު ގިނަ ގައުމުތައް އަދިވެސް ވެކްސިން ދިނުމުގައި ވަރަށް ބޮޑަށް ފަހަތުގައި އުޅޭކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން، ޔޫއެންއިން ކުރިޔަށް ގެންދާ "ކޯވެކްސް" ޕްރޮގްރާމްގެ ދަށުން ފަގީރު ގިނަ ގައުމުތަކަށް ވެކްސިން ލިބިދެވޭނެ މަގުތައް ފަހިވެފައި ވީނަމަވެސް، ކޯވިޑް ވެކްސިން އަދިވެސް އާންމުކޮށް ލިބެން ހުރީ، ވާރލްޑް ބޭންކުން، މުއްސަދި ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުގައިކަން ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. މި ގައުމުތަކުން ހިއްސާކުރަނީ ދުނިޔޭގެ އާބާދީގެ %16 އެވެ. މި ގޮތުން ރަސްމީ ފަރާތްތަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ދުނިޔޭގައި ދީފައިވާ ވެކްސިން %47 ދީފައިވަނީ ދުނިޔޭގެ މުއްސަދި ގައުމުތަކުގައެވެ.
ޔޫއެން މިމަހު ކުރީކޮޅު ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފަގީރު ގައުމުތަކުގައި ދީފައިވަނީ، މުޅި ދުނިޔޭގައި ދީފައިވާ ވެކްސިންގެ އެންމެ %0.2 އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން، ވެކްސިން ދޭން ފަށަން ޖެހިފައިވާ 12 ގައުމެއް އަދިވެސް ދުނިޔޭގައި އެބަ ހިމެނެއެވެ. މި 12 ގައުމަކީ، އެފްރިކާގެ 7 ގައުމެއް ކަމުގައިވާ ޓެންޒޭނިއާ، މަޑަގަސްކަރަ، ބުރުކިނާ ފަސްކޯ، ޗާޑް، ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އެރިތްރިއާގެ އިތުރުން، އޯޝަނިއާގެ 3 ގައުމެއް ކަމުގައިވާ ވަނުއާޓު، ސަމޯއޯ އަދި ކިރިބަޓިއެވެ. މީގެ އިތުރުން އެޝިއާގައި ވެކްސިްނ ދޭން އަދި ފަށާފައި ނުވަނީ ނޯތް ކޮރެއާގައި އެކަންޏެވެ. އަދި ކެރީބިއަން ގައުމެއް ކަމުގައިވާ ހެއިޓީގައިވެސް އަދި މިހާތަނަށް ކޯވިޑް19 ވެކްސިްނ ދޭނަ ފަށާފައި ނުވެއެވެ.
"ހައިރާން ކުރުވަނިވި މިންވަރަކަށް، ކޯވިޑް19 ވެކްސިން ދިނުމުގައި ގައުމުތަކުގެ މެދުގައިވަނީ ހަމަހަމަކަން ގެއްލިގެން ގޮސްފަ،" އެޕްރިލް 19ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް، ޓެޑްރޯސް ވިދާޅުވެފައި ވެއެވެ.
"ދުނިޔޭގެ މުއްދަސި ގައުމުތަކުގައި އެވްރެޖުކޮށް، ކޮންމެ 4 މީހުން އެކަކަށް މިވަނީ ކޯވިޑް19 ވެކްސިން ދެވިފަ. މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި މި އަދަދު އުޅެނީ ކޮންމެ 500 އިން އެންމެ މީހެއްގެ ނިސްބަތުގައި. އަހަރެން ތަކުރާރު ކޮށްލާން، ކޮންމެ 4 މީހަކުން އެކަކާއި، ކޮންމެ 500 މީހަކުން އެކެއްގެ ވާހަކަ މިދައްކަނީ."
ވެކްސިން ދިނުމުގައި ހަމަހަމަކަން ގެއްލިގެން ގޮސްފައިވާ ވުން، ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ސިފަކުރަމުންދަނީ، "ވެކްސިންގެ ނަސްލީ އިމްތިޔާޒު"ގެ ގޮތުގައި ކަން ފާހަކުރަމުން، މި ގައުމުތަކުން ވަނީ، ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިންގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ފިލުވާލުމުގެ ގޮތުން، ވިޔަފާރީގެ އެއްބަސްވުންތަކުގައި ހުރި، "އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް"އާއި ގުޅހުން ހުރި މާއްދާތައް އުވާލުމަށް ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ WTOއަށް ގޮވާލާފައެވެ.