ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 70،000އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 1،181 މީހުންވަނީ ޖަހާފައެވެ. އެއީ އަތޮޅުތަކުން އެކަނި ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 70،983އަށް އަރާފައެވެ. މާލެ ސަރަހައްދުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،111މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 290،014އަށް އަރާފައެވެ.
މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.
ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރުވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮމެންޓު ފޮނުވާ