ލިވަޕޫލް ކޮޅަށް ލަނޑު ޖެހުފަށްފަހު ނިއުކާސަލްގެ ޖޯސެފް ވިލޮކް އުފާފާޅުކުރަނީ

ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން ފަހުވަގުތު ލަނޑު ޖަހާ ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. މި ލަނޑަށްފަހުވެސް ފުރަތަމަ ހާފުގައި ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބި އޭގެ ބޭނުން ނުކުރެވިފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ނިއުކާސަލް ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ލިވަލޫލްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ނިއުކާސަލުގެ ކަލުމް ވިލްސަން ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ނިއުކާސަލުގެ ޖޯސެފް ވިލޮކް ވަނީ ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 33 މެޗުން ލިބުނު 54 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށްވެސް ވަނީ 32 މެޗުން ވަނީ 55 ޕޮއިންޓް ލިބިފައެވެ. އަދި ލިވަޕޫލާ އެއްވަރުކުރި ނިއުކާސަލް އޮތީ ތާވަލުގެ 15 ވަނައިގައި 33 މެޗުން 36 ޕޮއިންޓާއެކުއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *