ގޮވަނީ "އިންޑިއާ އައުޓު" އެކަމު ކުރަނީ "އަނގޫޓާޖެހި މީހުން"ކުރާ ކަހަލަ މުޒާހަރާ

ގޮވަނީ "އިންޑިއާ އައުޓު" އެކަމު ކުރަނީ "އަނގޫޓާޖެހި މީހުން"ކުރާ ކަހަލަ މުޒާހަރާ

Author
މުޙައްމަދު ޖިމީ
22 އޭޕްރިލް 2021 10:48
0

އިދިކޮލޫ ޕްރޮގްރެސިވް ކޮންގްރެސްކޯލިޝަނުން ރޭ މާލޭގައި ކުރި މުޒާހަރާއަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 500 ދުވަސް ވުމާއި ގުޅިގެން، ރައީސް ޔާމީން މިނވަންކުރުމަށް ގޮވާލާ އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގައި ވަނީ ރައީސް ޔާމީންގެ މޫނުފުޅު ސިފަވާ މާސްކުތަކެއް ބޭނުންކޮށްފައެވެ.

އެ މާސްކުތައް އަޅައިގެން މުޒާހަރާކޮށްފައިވާއިރު، އިންޑިއާގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މޫނުފުޅު ސިފަވާ މާސްކު ތަކެއް އަޅާއިގެން ކުރި މުޒާހަރާއެއްގެ ފޮޓޯތައްވެސް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި މިއީ އިންޑިއާގެ މުޒާހަރާ ކޮޕީކޮށްގެން އިދިކޮޅުން ކުރި މުޒާހަރާއެއްކަމަށް ބުނެ ސަރުކާރަށް ތާޢީދުކުރާ ބައެއް މީހުންގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އިދިކޮޅުގެ މުޒާހަރާއާއި ގުޅިގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިން ވިދާޅުވީ، "ގޮވަނީ އިންޑިއާ އައުޓު"ކަމަށާއި، ނަމަވެސް ކުރަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީޖީ "އަނގޫޓާޖެހިމީހުން" ކުރާ ކަހަލަ މުޒާހަރާކަމަށެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް އިންޑިއާގެ ބާރާ ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން އަންނަނީ "އިންޑިއާ އައުޓޫ"ގެ ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕެއިނެއްވެސްކުރަމުންނެވެ. އެއީ އިންޑިއާ ސިފައިން ރައްޖޭގައި ދާއިމީކޮށް ތިބުމާއި، އިންޑިއާއިން ބޮޑު ޢަދަދެއްގެ ދަރަނި ރާއްޖެއިން ނެގުންފަދަ އިންޑިއާގެ ދަށުވެފައިވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ކުރަމުން އަންނަ ސޯޝަލް މީޑިއާ ކެމްޕެއިނެކެވެ.

ރޭގެ އިހުތިޖާޖާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.

ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން މަގުތަކަށް ނިކުނަން ޖެހުނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާތީ ކަންބޮޑުވެގެން ކެތްނުކުރެވިގެން ކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ރައީސް ޔާމީންގެ މޫނުފުޅު ސިފަވާ މާސްކު އަޅައިގެން ތިބީ އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކޮށް އެމަނިކުފާނުގެ ހަނދާން އައުކުރުމުގެ ގޮތުން ކަމަށް އިދިކޮޅުން ބުންްޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.