ހދ. ހޮނޑާފުށި ދެކުނުން ދުއްވާފައި ދިޔަ "ބަހުރު" ނަމަކަށް ކިޔާ މަސްދޯނިން ފަތިހު ގެއްލުނު މަސްވެރިޔާ، ހޮނޑާފުށީ ގޮނޑުދޮށުން ދިރިހުއްޓާ މިއަދު ހެނދުނު ފެނިއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާ ރިޕޯޓް ލިބުނީ ފަތިހު 4:05 ހާއިރު ކަމަށާއި، ރިޕޯޓާ ގުޅިގެން ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފާސްޓް ސްކޮޑްރަން ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވަގުތުން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މި އޮޕަރޭޝަނުގައި ކޯސްޓްގާޑުގެ އުޅަނދުތަކާއެކު ސަރަހައްދުގައި ހަރަކާތްތެރިވި އާންމު ރައްޔިތުންގެ އެހީތެރިކަންވެސް ލިބުނު ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ގެއްލުނުތާ ދެ ގަޑިއިރެއްހާއިރު ފަހުން، ހެނދުނު 5:55 ހާއިރު އެ މީހާ ފެނިފައިވަނީ ހޮނޑާފުށީ ގޮނޑުދޮށާ ކައިރި ސަރަހައްދަކުންނެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައިވަނީ ކޯސްޓްގާޑާ ގުޅިގެން ހޯދުމުގެ މަސައްކަތުގައި ބައިވެރިވި އާންމުންނަށެވެ.
ފެނުމާއެކު ވަގުތުން ފަރުވާ ދިނުމަށްޓަކައި 5:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް އެ މީހާ ގެންދިޔައިރު، ފަރުވާ ދިނުމަށްފަހު މިހާރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ސިއްހީ މަރުކަޒުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކޯސްޓްގާޑަށް އެހީތެރިވެދިން އާންމު ރައްޔިތުންނަށް އެމްއެންޑީއެފުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެ މީހާ ސަލާމަތްކުރުމުގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ