ވޭތުވެދިޔަ އަހަރު ޑްރަގު ފަރުވާގެ ޕްރޮގްރާމް 513 މީހަކު ފުރިހަމަކޮށްފައިވާ ކަމަށް ޑްރަގު ކޯޓުން ބުނެފި އެވެ.
ޑްރަގު ކޯޓުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޓުން ވަނީ 696 މީހެއްގެ މައްޗަށް ރިހިބިލިޓޭޝަން އަމުރު ނެރެފަ އެވެ. އޭގެ ތެރެއިން 513 މީހަކު ވަނީ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.
ފަރުވާ ފުރިހަމަކުރި ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށާއި، މަސްތުން ދުރުވުމުގައި އެ ފަރާތްތަކުން ހޯދި ކުރިއެރުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޑްރަގު ކޯޓުން ވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ.
ނަމަވެސް، ފަރުވާގެ އަމުރާ ހިލާފުވި 217 މީހަކާ މެދު ޑްރަގު ކޯޓުން ވަނީ ފިޔަވަޅު އަޅާފައި ކަމަށްވެސް އެ ކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން، އެ ފަރާތްތަކުގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލައި، ކުރިން ކުރެވިފައިވާ ހުކުމް ޖަލުގައި ތަންފީޒުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި ކ. ހިންމަފުށީގައި ހުންނަ ޑްރަގު ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިމުމުން، އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ