ފަލަސްޠީނުގެ މުޤާވަމަތީ ޖަމާޢަތް ޙަމާސްގެ އައު ސިޔާސީ އިސްވެރިޔާގެ މަޤާމަށް ޚަލީލް އަލް-ޙައްޔަ ޢައްޔަނުކޮށްފިއެވެ.
މި ނިންމުން ޙަމާސްއިން ރަސްމީކޮށް އިޢުލާނުކޮށްފައި މިވަނީ، ކުރީގެ ސިޔާސީ ވެރިޔާ ޔަޙްޔާ ސިންވާރު ޔަހޫދީންގެ ޙަމަލާއެއްގައި ޝަހީދުކޮށްލިތާ އެތައް މަހެއް ފަހުންނެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޢުދުވާނުގެ ތެރޭގައި، 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިންވާރު ޝަހީދުކޮށްލުމަށްފަހު، އެ މަޤާމު ފުރާނެ ބޭފުޅަކު ހޮވުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް އީރާނާއި ލުބުނާނަށް ޔަހޫދީން ޙަމަލާދީ ހަނގުރާމަ ފުޅާވުމާއި، ޣައްޒާއަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުގެ ސަބަބުން، މި މަރުހަލާ ވަނީ އެތައް މަހަކަށް ދިގުދެމިގެންގޮސްފައެވެ.
އަލް-ޙައްޔައަކީ ޙަމާސްގެ ޣައްޒާ ގޮފީގެ އިސްވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދެވި، އެ ޖަމާޢަތުގެ އިސް ސަފުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2024ވަނަ އަހަރުގެ ޖުލައި މަހު އީރާނުގައި ހުންނަވަނިކޮށް ކުރީގެ ސިޔާސީ ވެރިޔާ އިސްމާޢިލް ޙަނިއްޔާ ޔަހޫދީން އަވަހާރަކޮށްލި ހިސާބުން ފެށިގެން، ޙަމާސްގެ އިސް ސަފުގައި އަލް-ޙައްޔަގެ ދައުރު އިތުރަށް ފުޅާވެ، ބައިނަލްއަޤުވާމީ މަޝްވަރާތަކުގައި ޖަމާޢަތް ތަމްސީލުކުރައްވަމުން ގެންދެވި އެންމެ އިސް ބޭފުޅަކީ އޭނާއެވެ.
އަލް-ޙައްޔަގެ ޙަޔާތްޕުޅު ސަލާމަތުން ސަލާމަތްވެފައި ވަނީ ވެސް ހަނިގޮތަކަށެވެ. 2025ވަނަ އަހަރު ޤަޠަރުގެ ވެރިރަށް ދައުޙާގައި ޙަމާސްގެ އިސްވެރިންގެ ބައްދަލުވުމަކަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާގައި، އަލް-ޙައްޔަ ހިމެނޭގޮތަށް ޙަމާސްގެ ލީޑަރޝިޕް އެއްކޮށް ނައްތާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ޙަމާސްގެ ސިޔާސީ ވެރިޔާ ޢައްޔަނުކުރަނީ 50 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކައުންސިލަކުންނެވެ. މި ކައުންސިލްގައި ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ މެންބަރުންގެ އިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޙަމާސްގެ މެންބަރުން ވެސް ތަމްސީލުވެއެވެ.
ކޮމެންޓު ފޮނުވާ