ޖެހިޖެހިގެން ނުވަވަނަ ރެއަށް އެމެރިކާއިން އީރާނަށް ބޮންއަޅައިފި

ޖެހިޖެހިގެން ނުވަވަނަ ރެއަށް އެމެރިކާއިން އީރާނަށް ބޮންއަޅައިފި

Author
އަހުމަދު
20 ޖުލައި 2026 11:38
0

އީރާނުގެ އެކި ސިޓީތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކާއެކު، ޖެހިޖެހިގެން ނުވަވަނަ ރޭ ވެސް އެގައުމު ބޮންއެޅުމުގެ އަމާޒަކަށްވެއްޖެ އެވެ.

އީރާނުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި، ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވަނީ ސިރީކް، ޖާސްކް، ތަބްރީޒް އަދި ޗާބަހާރު ހިމެނޭހެން މުހިއްމު އެތައް ސިޓީއަކުންނެވެ. ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) އިން އިތުރަށް ބުނެފައިވަނީ، ހޫޒެސްތާން ޕްރޮވިންސްގެ މަހްޝަހްރު ސަރަހައްދާއި އިމާމް ޚުމައިނީ ބަނދަރު، އަދި ބޫޝެހްރު ޕްރޮވިންސްގެ ޚޯރްމޫޖް ސަރަހައްދު ކައިރިން ވެސް ބާރުގަދަ ގޮވުންތަކުގެ އަޑު އިވުނު ކަމަށެވެ.

މި އެންމެ ފަހުގެ ހަމަލާތައް ފެށިފައި މިވަނީ ހަނގުރާމައިގައި ތިންވަނަ އެމެރިކާ ސިފައިންގެ މީހަކު މަރުވިކަން އެގައުމުގެ އަސްކަރިއްޔާއިން އިއުލާނުކުރިތާ މާ ގިނަ އިރެއް ނުވަނީހެވެ. އެމެރިކާ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، ހަމަލާތަކުގެ މަގުސަދަކީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރާ ވިޔަފާރި އުޅަނދުފަހަރަށާއި ފަޅުވެރިންނަށް ގެއްލުންދިނުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ގާބިލުކަން ބަލިކަށިކޮށްލުން ކަމަށް ބުނެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ މި ކުރިމަތިލުމުގެ އަސަރު ސީދާ ގޮތެއްގައި ދަނީ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ވެސް ކުރަމުންނެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރަމުންދާއިރު، ކަނޑުއޮޅީގެ ގަވާއިދުތަކާ ހިލާފުވާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވެސް ވަނީ ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.