އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާ ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި 8 ޕޮއިންޓާއި ގާތަށް ސިޓީ ޖެހިލައިފިއެވެ.
އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން މިނެޓެއްވެސް ނުވަނީސް އެސްޓަން ވަލާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޯން މިގިންނެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ސިޓީގެ ފިލް ފޮޑެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. ސިޓީއަށް މި މެޗުގައި ލީޑު ނަގައިދިން ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮޑްރީއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. ސިޓީން 10 މީހުންނާއެކު ކުޅެންޖެހުމުގެ ފައިދާ ވިލާ އަށް ނެގޭ ގޮތެއްނުވިއެވެ. ދެވަނަ ހާފު ފެށިތާ 11 މިނެޓުގެ ތެރޭގައި، ވިލާގެ މެޓީ ކޭޝަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. ކޭޝް ދެ ރީނދޫ ކާޑު ހޯދީ ތިން މިނެޓުގެ ތެރޭގައެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ ވަނީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބުނު 77 ޕޮއިންޓާއެކު ސިޓީ އެއްވަނައިގައި އޮތްއިރު 32 މެޗުން ލިބުނު 66 ޕޮއިންޓާއެކު ދެވަނަގައި އޮތީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑެވެ. މި މެޗުން ބަލިވި އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.