ގްރީން ބަލިކޮށް މާޒިޔާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި

ގްރީން ބަލިކޮށް މާޒިޔާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި

Author
ޔޫސުފް
22 އޭޕްރިލް 2021 03:07
0

ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުުޅުނީ މާޒިޔާއިންނެވެ. އެގޮތުން ލަނޑު ޖަހާނެ ފުރުޞަތުތައްވެސް މާޒިޔާއިން ތަނަވަސްކުރިއެވެ. އެގޮތުން މުޙައްމަދު އުމެއިރު ހުހަށް ހުރެ ފޮނުވާލި ބޯޅަ ގްރީންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން އަދި މި ހާފުގެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން މާޒިޔާގެ އުމެއިރު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި ހިލޭ ޖެހުމަށްފަހު އުމައިރަށް އަނިޔާވެގެން އޭނާ ވަނީ ދަނޑުން ފައިބާފައެވެ. ދެވަނަ ހާފުގައި އުމެއިރުގެ ބަދަލުގައި ކުޅެން އެރީ ނާއިޒް ހަސަން (ދާދު) އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުގެ ކޯނޭއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގްރީންގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ .މާޒިޔާއަށް މި މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ހަމްޒާ މުހައްމަދުގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާއެވެ. މިއީ މި ސީޒަނުގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ޓަކާޝީ، އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ކުޅުނު 13 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއަށް 12 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ވެލެންސިއާއަށް މާޒިޔާގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. މީގެ އިތުރުން މާޒިޔާ އަތުން ބަލިވި ގްރީން އޮތީ ތާވަލުގެ ތިންވަނައިގައި 14 މެޗުން 19 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.