ދިވެހި ރާޢްޖޭގެ ޖުޑީޝަރީއަށް މިއަދު އޮތް އެންމެބޮޑު ގޮންޖެހުމަކީ މަޖިލީހާއި ޖޭއެސްސީ އެކަށްޗަކަށް ވެފައިވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަކީ ރާއްޖޭގެ ޖުޑީޝަރީ މިނިވަންކުރުމަށް ގޮވާލައި، ޖުޑީޝަރީގެ މިނިވަންކަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިއަދު ދައުލަތުގެ ބާރުތަކުގެ ތެރެއިން ޖުޑީޝަރީއަތް އޮތް ހުރަސް ތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި، ރައްޔިުތުންގެ މަޖިލިސް އެކައްޗަކަށް ވެފައިވުންކަމަށެވެ.
މިއަދު ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި JSC އަކީ އެކައްޗަކަށް ވެފައިވުން. ބާރުތައް އެއްވެ މަސްހުނިވުން. އަޅުގަނޑު ހަނދާންވާގޮތުން އިސްލާޙީ މަސައްކަތަށް ނިކުތް ގިނަދިވެހީން އަޑަށްބާރުލާފައި ގޮވި އެއްވާހަކަ އަކީ ތިންބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމެއްގެ ވާހަކަ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ އެހެން މެމްބަރުންތަކެއްވެސް ތިއްބަވާތީއެވެ. ޚާއްސަކޮށް މަޖިިސް ރައީސަކަށް އިންނަވާ ބޭފުޅަކު ރާއްޖޭގެ ފަނޑިޔާރުތަކުގެ މައްސަލަބަލާ ކޮމިޝަންގައިވެސް އިންނެވުމަކީ ގިނަ ބޭފުޅުންގެ ފާޑުކިޔުން މިކަމަށް އަމާޒުވާ ކަމެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަކު ކުރުމަކީ ސަރުކާރުގެ ވައުދަކަށް ވާއިރު މިވައުދު އަދި މިހާތަނަށް ފުއްދާފައި ނުވެއެވެ.
މިސަރުކާރުން ރައްޔިތުންނަށް ވައުދުވެ އެންމެ ބޮޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރީ، ރާއްޖޭގެ ޖުޑީޝަރީކަމަށާއި، މިއަދު ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރެވި، ހުކުމެއް ނުވިއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ