އަސްކަރިއްޔާއަށް ކުރު މުއްދަތެއްގައި ކުރިއެރުން ލިބުނީ ރައީސްގެ ހަރުދަނާ ތަސައްވުރުން: މާރިޔާ

އަސްކަރިއްޔާއަށް ކުރު މުއްދަތެއްގައި ކުރިއެރުން ލިބުނީ ރައީސްގެ ހަރުދަނާ ތަސައްވުރުން: މާރިޔާ

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2021 12:31
0

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ގެނެވުނު ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެއްގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ 129 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، އެކި އެކި ރޭންކުތަކުގައި ޙަރަކާތްތެރިވާ އެންމެހާ ސިފައިންނަށާއި، ސިފައިންގެ އާއިލާތަކަށް، ފޮނުއްވާފައެވެ.

ޑިފެންސް މިނިސްޓަރގެ ޚިޠާބުގައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަމާއި ހުނަރުވެރިކަމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް، ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން، އެކި ރޮނގުތަކުން ހޯދި ފުރުސަތުތަކުގެ ފުރިހަމަ ބޭނުންކޮށް، ޤައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް، ސިފައިން ޙާސިލްކޮށްފައިވާކަން، މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް، "ޕްރޮފެޝަނަލް ފައިޓިންގ ފިޓް ފޯރސް” އެއްގެ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާއި އޯގާތެރިކަމާއެކީ ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވާކަން ގިނަ ރައްޔިތުން ޤަބޫލުކުރާކަަމށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޞުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާޙައުލެއް އަމާން މާޙައުލެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ޤާނޫނުތައް އިޞްލާޙުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި ،ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނިންމަވާފައިވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ. މިއަހަރު، ސިފައިންގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން"، މި ޝިޢާރު ރަމްޒުކޮށްދެނީ ރައީސް ޞާލިޙްގެ ހަރުދަނާ ތަސައްވުރެވެ.

– މިނިސްޓަރ މާރިޔާ

މިނިސްޓަރގެ ޚިޠާބުގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާގައި ޙަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއް ގިރާކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ބޭފުޅުން ޢައްޔަންކުރުމާ ގުޅިގެން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެ މަތީ ފަޑީގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިއްބެވޭނެ މަގުފަހިކޮށް، ސިފައިންގެ ލީޑަރޝިޕުން ނިންމާ ނިންމުންތަކުގައި، ކަނބަލުންގެ އަޑު ހިމެނޭނެހެން ލަފާދޭ މަޖިލީހަށް ބަދަލުވަނީ ގެނެވިފައިވާކަމަށެވެ. މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެކަމަށާއި، ދާދިފަހުން، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި ކޯހެއް ފުރިހަމަކުރުމަށް، ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު އެނބުރި ޤައުމަށް އައީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑްގެ މަތިވެރި ޝަރަފާއެކުގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަން ފާހަގަކޮށް، ކޮމާންޑަރ.އިން.ޗީފް ރައީސް ޞާލިޙަލް، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕާއި އެންމެހާ ސިފައިންނާއި، ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. ސިފައިންގެ ލީޑަރޝިޕާއި ސިފައިންގެ އެއްބާރުލުމާ ނުލައި، މިއިން އެއްވެސް ކުރިއެރުމެއް ޙާސިލްކުރުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން، މިފުރުޞަތުގައި، ކަށިން ހިތްވަރު ނަންގަވައިގެން، ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު ސިފައިންގެ މަސައްކަތުގައި އުޅުއްވާ، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން ދެއްވާ އިރުޝާދާއި ހުރިހާ ސިފައިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެބޭކަލުންނާއި ބޭކަނބަލުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ.

– މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ ވަނީ، މިއަހަރުގެ ސިފައިންގެ ޝިޢާރުކަމަށްވާ "ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން" އޭގެ އެންމެ ފުރިހަމަ، ޙަޤީޤީ މާނައިގައި ތަމްސީލުކޮށް، މިއަހަރަކީވެސް، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަމަށް އިތުރު ބާރެއް ލިބި، ސިފައިން ރައްޔިތުންނަށް ދޭ އެފަދަ ދެވަނައެއް ނެތް އޯގާތެރި ޚިދުމަތުން، ޤައުމުގެ އަމާންކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ އަހަރަކަށް ހަދަން ސިފައިން ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.