ބޭރު ގައުމުތަކުގައި ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ބީއެމްއެލްގެ އެޑިއުކޭޝަން ލޯނާއި އެޑިއުކޭޝަން ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ ފައިސާ ޑޮލަރުން ދޫކުރަން އެ ބޭންކުން ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅޭ ސެޓިފިކޭޝަން ފީ ދެއްކުމަށް، އެއްވެސް ރަހުނަކާ ނުލައި މި ފައިނޭންސިން ދޫކުރެވޭނެ އެވެ.
މި އިންތިޒާމުގެ ދަށުން ކޯސް ފީގެ ގޮތުގައި ބޭނުންވާ ފައިސާ ބޭންކުން ސީދާ ޓީޓީ މެދުވެރިކޮށް ތައުލީމީ މަރުކަޒުތަކަށް ނުވަތަ ކަމާ ގުޅޭ އިދާރާތަކަށް ޖަމާކޮށްދޭނެ ކަމަށާއި، ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ބޭންކުން ބުންޏެވެ. ނަމަވެސް ލޯނު އަނބުރާ ދައްކަން ޖެހޭނީ ވެސް ޑޮލަރުންނެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލަކީ ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ދިމާވާ އެންމެ ބޮޑު ދަތިތަކުގެ ތެރޭގައި، ބޭރު ފައިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭއިރު، މި ބަދަލާ އެކު އެ ދަރިވަރުންނަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން ދަނީ ފަހަކަށް އައިސް ކަސްޓަމަރުންނަށް ޑޮލަރު ލިބޭނެ ގޮތްތައް ތަނަވަސްކޮށްދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރުފިޔާ ކާޑުތަކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމާއި، ޑޮލަރު ގަތުމަށް ހާއްސަ ޕްލެޓްފޯމެއް ވެސް ދާދި ފަހުން އެ ބޭންކުން ވަނީ ތައާރަފުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ