އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި ދެ ސިފައިން މަރުވުމާ ގުޅިގެން، އީރާނަށް އަމާޒުކޮށް އެމެރިކާއިން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރުފުޅަށް ދޭން ފެށި މި ހަމަލާތައް އިއްޔެ ފެށީ އިރުއޮއްސި 6 ޖެހި ހިސާބުގައެވެ. މިއީ ދާދިފަހުން ފެށިގެން އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަމަލާދޭ އަށްވަނަ ރެއެވެ.
ހުކުރު ދުވަހު އުރުދުންގައި ހުރި އެމެރިކާގެ ބޭހަށް އީރާނުން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކުގައި، މަރުވި ދެ ސިފައިންގެ އިތުރުން، އެއް ސިފައިންގެ މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެ ހަމަލާގައި އަނިޔާވި ހަތަރު ސިފައިން ފަރުވާއަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައި ކަމަށާއި، ކުދިކުދި އަނިޔާތައް ލިބުނު އެހެން މުވައްޒަފުން އެނބުރި ޑިއުޓީއަށް ނުކުމެފައިވާ ކަމަށްވެސް ސެންޓްކޮމް އިން ބުނެއެވެ.
ސެންޓްކޮމް އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ހޯރްމުޒް ކަނޑުއޮޅީގައި ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް ނުރައްކާ ކުރުމުގެ ގާބިލްކަން ދަށްކުރުމާއި، އުރުދުންގައި އެމެރިކާ ސިފައިންނަށް ހަމަލާދިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއަށް ރައްދު ދިނުން ކަމަށެވެ.
އީރާނުގެ ދައުލަތުގެ ނޫސް އައިއާރްއެންއޭ އިން ރިޕޯޓުކުރި ގޮތުގައި، ދެކުނުގެ ބަނދަރު ސިޓީ ބަންޑާރަ އައްބާސް އާއި ޤަޝްމުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވެން ފެށީ އީރާން ގަޑިން ފަތިހު 4 ޖަހާކަށްހާއިރުއެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި، ޤަޝްމް އައިލެންޑަށް ގާތްގަނޑަކަށް ހަ މިސައިލް އަރާފައިވެއެވެ. އެހެންނަމަވެސް، އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ދެކުނު އީރާނުގެ ސިރިކް ބަނދަރަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ހަމަލާތަކާއެކު، މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް، ޖޫން 17 ވަނަ ދުވަހު ދެ ފަރާތުން އެއްބަސްވި ނާޒުކު އެއްބަސްވުން ވަނީ މުޅިން ރޫޅިފައެވެ. އުރުދުންގައި ހިނގި ލޭއޮހޮރުވުމާއެކު، ދެ ފަރާތުން މިވަނީ އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ