މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަމީޒާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މީގެ ކުރިން އަމީޒާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވި އެވެ. އެއީ އަމީޒާގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ. މި ދެ ބޭފުޅުންނާ މަޖިލީހުން އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯއްދެވި އަމީޒާ އެ މަގާމަށް އައްޔަނުކުރެއްވުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަމީޒާއަކީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރެއްވުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސްއާއި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯއްދެވުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އަމީޒާ ވަނީ ހޯއްދަވާފަ އެވެ.
ތައުލީމީ ގޮތުން އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން، އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ