ހިޔާ ފްލެޓެއްގެ ބަދިގޭގައި ރޯވެ، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހިޔާ ފްލެޓެއްގެ ބަދިގޭގައި ރޯވެ، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Author
އަހުމަދު
19 ޖުލައި 2026 03:56
0

ހުޅުމާލެ ދޭއްގައި ހުންނަ ހިޔާ ފްލެޓެއްގެ ބަދިގޭގައި މިއަދު ރޯވި އަލިފާނުގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:30 ހާއިރު، ހިޔާގެ 8 ވަނަ ޓަވަރުގެ 19 ވަނަ ފްލޯގެ ހަވަނަ އެޕާޓްމަންޓުގަ އެވެ. ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ވަނީ ހަރަކާތްތެރިވެ، އަލިފާންގަނޑު އެއްކޮށް ނިއްވާލައިފަ އެވެ.

އެޕާޓްމަންޓުގެ ބަދިގޭގައި ރޯވި މި އަލިފާނުގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގެ ސެޓުގެ ބައެއް އޮތީ އަނދައި އަޅިއަށް ވެފަ އެވެ. މީގެ އިތުރުން ސިޓިންރޫމުގެ ސީލިންގުގައި ދުމުގެ އަސަރުކޮށް، އެއްކޮށް އޮތީ ކަޅުވެފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މި ވަގުތު އެޕާޓްމަންޓުގައި ދިރިއުޅެވެން ނެތުމުން، އެ ތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ތިން ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.