އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީއަކީ މަޖީހަށް ހާޒިރުނުވާކަމަށް މަޖިލިސް ރައީސް ވިދާޅުވި މެމްބަރުންނާއިއެކު ވަރަށް މަކަރުވެރިކޮށް އެކުލަވާލާފައިވާ ކޮމިޓީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 26ގެ ކުރިން މި މައްސަލައަށް ގޮތެއް ނިންމަވައިދެއްވުމަށް ފިނޭންސް މިނިސްޓްރީން އެދިވަޑައިގެންފައިވަނިކޮށް، އިއްޔެގެ ޖަލްސާގައި މި މައްސަލަ ފާސްކުރުމަށް ނުފެންނަކަމަށް މެންބަރުން ވޯޓު ދެއްވިއެވެ. ނަމަވެސް މިއީ މިވަގުތު ޤައުމު ހިންގުމަށާއި އިޤްތިޞާދަށް މުހިންމު މައްސަލައެއްކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ އަލުން އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރައްވާފައެވެ.
މިއަދު އެކުލަވާލި ކޮމިޓީއާއި ގުޅިގެން ސައީދު ވިދާޅުވީ މިކޮމިޓީ އެކުލަވާލާފައިވަނީ އެއްވެސް ތާކުންތާކު ޖެހޭ ގޮތަކަށް ނޫންކަމަށެވެ. ކޮމިޓީގެ މެޖޯރިޓީ ވަކިގޮތަކަށް ނަގައި އެކަން ޔަގީންވާ ގޮތަކަށް ކޮމިޓީ އެކުލަވާލާފައިވަކަމަށެވެ. ކޮމިޓީގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްއާއި، މާމިލިގީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ހިމަނާފައިވާއިރު، މިދެބޭފުޅުންނަކީ މަޖިލީހަށް ނާންނާތީ މަޖިލިސް ރައީސް ކަންބޮޑުވުން ފާޅުކޮށް އެކަމުގައި އެޅޭނެ ފިޔަވަޅެއް އޮތްތޯވެސް ބެލި ދެމެމްބަރުންކަމަށެވެ. ނަމަވެސް މިއަދު ފެނިގެންފިޔައީ މިދެބޭފުޅުންނާއިވެސް އެކީ ކޮމިޓީ ނެގިތަން ކަމަށެވެ.
ސައީދު ވިދާޅުވީ މަޖިލިސް ރައީސް އާއި ރައީސް ޞާލިހާއި ދެމެދު އޮތް މައްސަލައަކީ މިފަދަ ކަންކަމުގެ ތެރެއަށް ވައްދައި މުޅި މައްސަލަ ގަޑުބަޑު ކުރަންޖެހޭ ކަމެއްނޫންކަމަށެވެ. މިދިޔަ އަހަރުވެސް ޗާޕުކުރި 4.4 ބިލިޔަން ރުފިޔާއަށް ހެދި ގޮތެއް ބަލަން އެކުލަވާލި ކޮމިޓީއަކީ ވަކި އަތަކަށް ބުރަވާ ގޮތަކަށް އެކުލަވާލާފައިވާކޮމިޓީއެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލާގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ.
ކޮމެންޓު ފޮނުވާ