ފައިސާ ޗާޕް ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް، މާދަމާ ފާސްކުރަން މަސައްކަތްކުރަނީ

ފައިސާ ޗާޕް ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް، މާދަމާ ފާސްކުރަން މަސައްކަތްކުރަނީ

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2021 10:57
0

ކޯވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ އަލުން އެޖެންޑާކޮށް 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއަކަށް ދިރާސާކުރުމަށް ފޮނުވަން ފާސްކޮށްފިއެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ މައްސަލަ އިއްޔެ މަޖިލީހުން ވޯޓަށް އެހުމުން ވަނީ ފާސްނުވެފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު މުހިންމު ކަމަަކަށްވެފައި މަޖިލީހުން މި މައްސަލަ ފާސްނުވީ، ޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތުހުރިގޮތަކަށް ކަންކުރައްވާތީކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ރައީސް ނަޝީދަށް ބައެއް އެމްޑީޕީ މެންބަރުންގެ ހިތްހަމަ ނުޖެހުންވެސް އަމާާޒުވެފައިވެއެވެ.

ނަމަވެސް މިއަދުގެ ޖަލްސާއަށް އެ މައްސަލަ އަލުން އެޖެންޑާކޮށް އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ. އެގޮތުން9 މެންބަރުން ހިމެނޭ ޚާއްޞަ ކޮމިޓިއަކަށް ފިނުވަން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ހުށައެޅުއްވުމުން، އެ ހުށައެޅުން ފާސްވީ51 މެންބަރުންގެ ވޯޓުންނެވެ.

މިއާއެކު ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމަށް ރިޔާސަތުން ހުޅުވާލުމުން ބިގޭ ވަނީ9 މެންބަރުންގެ ކޮމޓީއަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މިނިވަން މެންބަރުން ހިމެނޭހެން ނަންތަކެއް ހުށައަޅާފައެވެ. އެ ހުށައެޅުމަށް ތަޢީދު ލިބިފައިވަނިކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވަނީ ބިގޭ ހުށައެޅި ނަންތަނުގައި ނާޝިޒްގެ ނަންފުޅު އޮތުމުން އެނަމުގެ ބަދަލުގައި މެންބަރު ބިގޭގެ ނަން ހިމެނުމަށް ހުށައަޅާފައެވެ.

މިއާއެކު ރިޔާސަތުން ވަނީ މެންބަރުންގެ އެއްބަސްވުމާއެކު އެ ނިންމުން އެއްގޮތް ކުރުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު އެހެން ވިދާލުވުމުން ބިގޭ ވަނީ، މި މައްސަލައަކީ އަވަހަށް ނިންމަންޖެހޭ މައްސަލައަކަށްވާތީ މިވަގުތުގެ މަސްލަހަތުކަމަށް ވިދާޅުވެ އޭނާގެ ހުށައެޅުން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އެ ކޮމިޓިން ނާޝިޒްގެ ނަން ވަނީ އުނިވެފައެވެ.

މިހާރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް

2- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

3- ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ

4- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް

5- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް

6- މީދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިޔާމް އަޙްމަދު

7- މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

8- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

9- އަލުފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން

މި9 މެންބަރުން ހިމެނޭ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމެވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަދާއި މިރޭ މި މަސައްކަތް ކޮމިޓީން ކުރުމަށްފަހު އެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރެވޭ ވަރަށް ނިންމައިދިނުމަށް އެދޭކަމަށެވެ. އަދި ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ޖަލްސާއެއް ބާއްވާ އެ މަސައްކަތް ފާސްކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެޖެންޑާކުރައްވާނީ އާދީއްތަ ދުވަހަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިއީ މިވަގުތަށް ކޮންމެހެން އަވަސްކުރަން ޖެހޭ މައްސަލައަކަށްވާތީ ޕާޓީތަކުން މާދަމާ ޖަލްސާއެއް ބާއްވާ އެ މައްސަލަ ފާސްކޮށްދެއްވުމަށް އެދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލާގައި ވަނީ  ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ.

އިތުރު އެއްއަހަރުގެ މުއްދަތަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާއުނިކޮށް ދަންމާލަން އެދިވަދައިގެން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ އަދިވެސް، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށްވެސް ބެލެވެ އެވެ.

އޭގެ އިތުރުން 32 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

މިސަބަބުތަކަށްޓަކައި މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ހަމަތަކަށް ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ، ރާއްޖޭގެ އިޤްތިސާދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.