ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ނޫޅުއްވުމަށް ކުރީގެ އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުންވެ ރައީސް ނަޝީދު، ރައީސް ޞާލިހަށް ކުރެއްވި މެސެޖާއި ގުޅިގެން މޫސަ ވިދާޅުވީ މަޖިލިސް ރައީސް ކަމުގެ މަޤާމުގައި އިންނަވައިގެން ކުޑަކުދިން އުޅުއްވާ އުސޫލުން ކަންކަން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ނިންމުމަކުން ރާއްޖޭގައި އޮންނަ ނިޒާމެއް ކަނޑައޅާފައިވާއިރު، އެކަން ބަދަލުކޮށް ގައުމު ގަޑުބަޑު ކުރުމަށް ނޫޅުއްވުމަށް މޫސަވަނީ ގޮވާލާފައެވެ.
އަޅުގަނޑު ދަންނަވާނީ ބަރުލަމާނީ ނިޒާމު އަދި މިރާއްޖެއަކަށް ނުގެވޭނެއޭ. ނުވެސް ގެނެވޭނެއޭ އެފުސަތެއްނުވެސް ނެތޭ.
– މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަޖިލިސް ތޭރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާ އެމްޑީޕީގެ 13 ވަރަކަށް މެމްބަރުން ތިބިކަމަށެވެ. އެބޭފުޅުންނަށް ފެށުނީއްސުރެއް މިއަދަދު އިތުރު ކުރަން އުޅެ އުޅެވެސް އަދަދު އިތުރުވެސް ނުވެ ކުރަން އުޅޭ އެއްވެސް ކަމެއްވެސް ކާމިޔާބު ވެފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް ސަރުކާރު ނިސްބަތްވާ ޕާޓީން ހުރަސް އެޅުމަކީ މާ މޮޅުކަމެއް ނޫންކަމަށެވެ. އެކަމުން އެގެނެވީ މިނިޒާމުވެސް އެބޭފުޅުންނަށް ނޭގޭ މިންވަރުކަމަށެވެ.
ރާއްޖޭގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އެމަނިކުފާނަށް ތާއީދު ކުރާ މަދު ބަޔަކުފިޔަވައި ރާއްޖޭގެ ބޮޑު އިންސައްތައެއް އޮތީ މިނިޒާމާއި ދެކޮޅަށެވެ. ޚާއްސަކޮށް ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައާއި، ކޯލިޝަންގެ ލީޑަރުންނާއި، ސިޔާސީ މަސްރަހުގައި ނަގާކިޔާ ހުރިހާ ބޭފުޅުންވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ. އަދި މިއީ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރުކަމަށް ނަޝީދު ކަނޑައަޅަން އެންމެ ރަނގަޅު ނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ