މިއަދު ރާއްޖޭގެ ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީ ވެއްޓެމުންދާ އަދަނވަޅުން އަރައިގަތުމަށް ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ދުރަށްދާންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ 2013 އިން ފެށިގެން މިހާތަނަށް އެމްޑީޕީއަށް ބޮޑެތި ނާކާމިޔާބީތައް ވެފައިވާކަމަށެވެ. ޚާއްސަކޮށް ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީ ގަބޫލުކޮށްވެސް މަޤާމުން އެއްފަރާތްވާން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރުގެ މަޤާމާއި، މާލޭގެ ގޮޑިތައް އެމްޑީޕީއަށް ގެއްލިގެން ދިއުމަކީ އާދައިގެ ކަމެއް ނޫންކަމާށާއި މިކަންކަމުގެ ޒިންމާ ޕާޓީގެ ލީޑަރޝިޕުން ނަގަން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.
ނަމަވެސް ފެނިގެންދިޔައީ އިންތިޚާބުން ބަލިވުމުންވެސް އެކި ބަހަނާ ދައްކައި ޖެހިގެން އައިދުވަހު ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއް ބާއްވައި، އެކި ބަހަނާ ދެއްކެވި މަންޒަރުކަމަށެވެ. ނަމަވެސް ނިމިދިޔަ އިންތިޚާބާއިއެކު ރައީސް ނަޝީދު ޖެހޭނީ ލަދުންވެސް މަޤާމުން އެއްފަރާތްވެ އާ ލީޑަރޝިޕަކަށް ޖާގަދޭންކަމަށެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވާހަކަ އެންމެ އަޑަށްބާރު ލާފައި ދެއްކެވި ބޭފުޅާ މިއަދު މަޤާމުގައި ބަގުޑި ބައްދައި، އިތުރު މަޤާމުތައް ހޯދުމަށް މިއަދުވެސް ކުރައްވާ މަސައްކަތްތަކުން ފެނިގެންދަނީ ތިމާ ދެއްކި ވާހަތައް އަމިއްލައަށް ތިމާއަށް އަމާޒުވާ މަންޒަރުކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް އެމްޑީޕީގެ މަޤާމުތަކަށް ބެލި ކަމުގައި ވީނަމަވެސް ފެނިގެން ދަނީ ވަރަށް ޚުދުމުހުތާރު ގޮތަކަށް ކަންކަން ހިނގާތަން ކަމަށެވެ. ޚާއްސަކޮށް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެއްވެސް ވަރަކަށް ބަދަލު ވުމެއްނެތި ތާއަބަދު އެމަޤާމުތަކުގައި ތިއްބަވާ ބޭފުޅުންކަމަށެވެ. މަޤާމުތަކަށް ޒުވާން ޤާބިލް ބޭފުޅުން ކިތަންމެ ވަރަކަށް އަންނަން ބޭނުންވިޔަސް އެފުރުސަތު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން ވާހަކަ ދައްކަވަނީވެސް މަޤާމަށް ޓަކައި ކަމަށާއި، ރައީސް ނަޝީދަކީ މިހާތަނަށް ފުރުއްވަން ލިބުނު އެއްވެސް މަޤާމެއް އެންމެ އެކަށީގެންވާ ގޮތަށް ފުރުއްވުނު ބޭފުޅެއް ނޫންކަމަށެވެ. އެހެންކަމުން ނަޝީދަށް ކިތަންމެ ފުރުސަތެއް ދިނަސް ނިކުންނާނެ ނަތީޖާއެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ