އެމްޑީޕީގެ މެމްބަރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާތު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދުމަށް މަޝްވަރާ ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް މަޖިލިސް ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކުިރމަތިވާ ހުރަސްތަކާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުން ވަނީ މަޖިލިސް ރައީސް އަށް އަމާޒުވެފައެވެ. ޚާއްސަކޮށް މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މަޖިލީހުން ދީފައިވާ މުއްދަތު ހަމަވާތީ އިތުރު އެއް އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން، މާލިއްޔަތު ކޮމިޓީއަށް ދިޔަނުދީ މަޖިލިސް ރައީސް މޭޒުކޮޅުމަތީގައި ޕާކްކުރި މައްސަލާގައި ވަނީ ވަރަށް ބޮޑަށް މަސްރަހު ހޫނުވެފައެވެ.
މިމައްސަލާގައި މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގަން މަޝްވަރާ ކުރަމުންދާކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ވަކިވަކި މެމްބަރުން ތިއްބެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ނުރުހުން ވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާ ކުރެވެންފަށައިފި. ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ.
– ތޯރިގު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެންފަށައިފި. ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ. pic.twitter.com/yNfA2mybwx
— Ahmed Thariq (@AhmedThaariq) April 20, 2021
މަޖިލީހުގައި ރައީސް ނަޝީދު މިއަދު މަސައްކަތް ކުރެއްވީ އެމައްސަލަ މަޖިލީހުގެ ގަވާދުން ބޭރުން ވަކި ކޮމިޓީއެއް ހައްދަވައިގެން މާލިއްޔަތު ކޮމިޓީއަށް ނުދާނެ ގޮތަކަށް ވޯޓަކަށް އަހައިގެން މަސައްކަތް ކުރުމަށެވެ. ނަމަވެސް މަޖިލިސް ރައީސްއަށް މިކަމުގައި ލިބިވަޑައިގެންނެވީ އެންމެ 12 ވޯޓެވެ. މިމައްސަލަ ވޯޓަކުން ކަމިޔާބު ނުވުމުންވެސް މާލިއްޔަތު ކޮމިޓީއަށް ނުފޮނުވައި މަޖިލިސް ރައީސް ވަނީ އެމަނިކުފާނުގެ މޭޒުކޮޅުގައި މައްސަލަ ބާއްވާފައެވެ.
މިމައްސަލާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވީ މިއަދުގެ ޖަލްސާގައި އޯވަރޑްރޯ ކުރުމުގެ ކަންތަކުގައިވީ ރަނގަޅަށް ނޫންކަމަށެވެ. މަޖިލީހަށް ކަމެއް ހުށަހެޅުން ވޯޓު ނެގި ކަންކަންދާންޖެހޭނީ ވަކި އުސޫލެއްގެ މަތިންކަމަށް ނާޝިޒް ވިދާޅުވިއެވެ. ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ކަން ހިނގާފައިވަނީ ވަގުތީ ކޮމިޓީއަކަށް އެމައްސަލަ ނުދިޔުމުން ދެން އެހިސާބުން އެމައްސަލަ އެހެން ކޮމިޓީއަކަށް ނުފޮނުވާ ގޮތަށްކަމަށް ނާޝިޒް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ