ޝާހިދު ކުވައިތުގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވައިިފި

ޝާހިދު ކުވައިތުގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވައިިފި

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2021 07:23
0

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ކުވައިތުގެ ބޮޑުވަޒީރު ޝައިޚް ސަބާޙް ޚާލިދު އަލް ޙަމަދު އަލް ސަބާޙްގެ އަރިހަށް މިއަދު ޒިޔާރަތްކުރައްވައި، ބައްދަލުކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙްއަށް ފޮނުއްވި ސިޓީފުޅެއް، މިނިސްޓަރ ޝާހިދު ވަނީ ބޮޑުވަޒީރަށް އަރުވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އަދި ދެޤައުމުގެ މެދުގައި އޮންނަ އަޚުވަންތަ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި ޤަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަޤާފީ ގުޅުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރަށް މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ކޯވިޑް-19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިޤްތިޞާދު ހުޅުވާލައި އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ތައުރީފްކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ ސެކްރެޓަރީ – މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓަރ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.