ރައްޔިތުން ވެރިކަން ކުރަން ބަޔަކާއި ހަވާލު ކުރުމުން ވެރިކަން ކުރަން ނޭގި މުޅި ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ވެރިކަން ކުރަން ނޭގުނު ވެރިން ރައްޔިތުންގެ ވޯޓަކުން ބަދަލު ކުރުން މާ އައުލާކަން ބޮޑުކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑެވަޒީރަކަށް އަންނަން ބޭނުންވާކަމަށް ރައީސް ނަޝީދު، ރައީސް ޞާލިހުގެ ކިބައިން އެދުމުންގިނަ ބައެއްގެ ނުރުހުން ވަނީ މިކަމަށް އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު ބުނަމުން ދަނީ މިހާރު އޮތް ނިޒާމު ބަދަލު ކުރުމަކީ މިހާރު ހުރި މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށެވެ.
މިކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ވެރިކަން ކުރާނެ ނިޒާމާއި، ވެރިކަން ކުރާނެ ބަަޔަކު ކަނޑައަޅާފައި ވާކަމަށެވެ. މިނިޒާމުގެ ތެރެއިން ރައްޔިތުން ވެރިކަން ހަވާލު ކުރި މީހުންނަށް ވެރިކަން ކުރަން ނޭގުމަކީ ނިޒާމު ބަދަލު ކުރަންޖެހޭ ސަބަބެއްކަމަށް ދެކި ވަޑައި ނުގަންނަވާކަމަށެވެ. އަދި ވެރިންނަށް ވެރިކަން ކުރަން ނޭގުމުން އަނެއްކާވެސް ރައްޔިތުންގެ ވޯޓަކަށް ވަޑައިގެން ވެރިކަން އިންތިޚާބު ކުރުމަކީ މިކަމަށް އޮތް ހައްލުކަމަށް އާދަމް ޝަރިީފް ވިދާޅުވިއެވެ.
ވެރިކަމަށް އަންނަ ބަޔަކަށް ވެރިކަން ކުރަން ނޭގުމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭ ސަބަބެއް ނޫން. ބަދަލު ކުރަންޖެހޭނީ ވެރިކަން ކުރަން ތިބި މީހުން. އެކަން ކުރާނީވެސް ރައްޔިތުންގެ ވޯޓަކުން. ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން އަޅުގަނޑު ތާއީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވަނީ މަސެޖަކުން ބަރުލަމާނީ ނިޒާމަށް ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ. ނަޝީދުގެ މެސެޖަށް ރައީސް ޞާލިހު ޖަވާބު ދެއްވާފައިވަނީ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ