ރާއްޖޭގެ ތައުލީމީ ނިޒާމު އިސްލާހު ނުކޮށް ކޮންމެ ނިޒާމެެއް ގާއިމު ކުރިއަސް ހަމަ އޮންނާނީ "ހިކަރީ ޑިކަރީ ޑޮކް" ނިޒާމު ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްތަކާއި ގުޅިގެން ޑރ.ޝަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން އެންމެ ފުރަަމަ ކުރަންޖެހޭ ކަމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިސްލާހު ކުރުންކަމަށެވެ. މިއަދު ރާއްޖޭގައި އޮތީ ފަހަރަކު މީހަކު ވެރިކަމަށް އަރައި ވެރިކަން ވެއްޓޭފަދަ ނިޒާމެއް ކަމަށެވެ. ކަންކަން ހިނގާގޮތް ބަދަލުނުވެ ޤައުމު ހަލާކުވާފަދަ ގޮތަކަށް ކަންކަން ދާކަމީ ފެންނަން އޮތް މަންޒަރުކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ތައުލީމީ ނިޒާމު އިސްލާހު ނުކޮށް ކޮންމެ ނިޒާމެެއް ގާއިމު ކުރިއަސް ހަމަ އޮންނާނީ "ހިކަރީ ޑިކަރީ ޑޮކް" ނިޒާމު. ފަހަރުކު މީހަކު ވެރިކަމަށް އަރާ ކުޑަ ހިނދު ކޮޅަކުން ވެރިކަމުން ވެއްޓޭ ނިޒާމު. ކަންކަން ހިގާ ގޮތް ބަދަލު ނުވެ، ގައުމު ހަލާކުވުން.
– ޑރ.ޝަހީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ