ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމަކީ ވަކި އުސޫލަކަށް ތާއީދުކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވިފައިވާ ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ދެއްކެވި ވާހަތަކުގައި ރައީސް މައުމޫން އެނިޒާމަށް ތާއީދު ނުކުރައްވާ ސަބަބެއް ނުވިސްނޭކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ރައީސް މައުމޫނަކީ އެކި ފަހަރު އެކި ގޮތަށް ނިޒާމީ މައްސަލާގައި ވާހަކަ ދައްކަވާ ބޭފުޅެއްކަމަށެވެ.
ރައީސް މައުމޫން އެކި ހާލަތްތަކުގައި ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމުކަމަށް ވާދަހަކަ ދައްކަވާފައިވާއިރު، މިހާރު ހިނގަމުންދާ ރިޔާސީ ނިޒާމަކީވެސް ރާއްޖެއަށް ރަނގަޅު ނިޒާމެއްކަމަށް ރައީސް މައުމޫން ވިދާޅުވެ ވާހަކަ ދައްކަވާފައިވާކަމަށެވެ. ރައީސް މައުމޫން ނިޒާމީ މައްސަލާގައި މިގޮތަށް ވާހަކަ ދައްކަވާފައިވުމުން އެމަނިކުފާނު ތާއީދުކޮށް ހުންނެވި ވަކި އުސޫލެއް ސާފު ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު އެކި ފަހަރު އަޑުއަހާފަ ވަނީ އެކި ގޮތަށް. ރައީސް މައުމޫން އަޅުގަނޑު އަޑުއަހާފަވޭ ބަރުލަމާނީ ނިޒާމަކަށް ވަރަށް ތާއީދު ކުރައްވާފަ ވާހަކަ ދައްކަވާފައިވާ ތަނާއި އަދި ބައެއް ފަހަރަށް ރިޔާސީ ނިޒާމަކަށްވެސް ތާއީދު ކުރައްވާފަ. އެހެން ވީމާ އެހެން ވަކި ގޮތަކަށް ވަކި އުސޫލަކަށް ތާއީދު ކުރައްވާފައިވާކަމަކަށް ފާހަގައެއް ނުކުރެވޭ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނި ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންވާކަމަށް ރައީސް ނަޝީދު ވަނީ ޓެކްސްޓް މެސެޖަކުން ރައީސް ޞާލިހަށް ދަންނަވާފައެވެ. މިކަމާއި ގުޅިގެން ރައީސް މައުމޫން ވީދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އޮތީ ރައްޔިތުންގެ ބޮޑު އައުލަބިއްޔަތަކުން ކަނޑައަޅާފައިކަމަށެވެ. އެނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫންކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ކޮމެންޓު ފޮނުވާ