ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ނަމާދަށް ތިޔަހަދަނީ ކިހިނެއް؟

ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ނަމާދަށް ތިޔަހަދަނީ ކިހިނެއް؟

ގުޅުންހުރި

އެއްފަހަރަކު އަޅުގަނޑަށް ގުޅުއްވި އަންހެން ބޭފުޅެކެވެ. ވިދާޅުވިއެވެ. ތިމަން އިންނަނީ ކޮންމެވެސް އޮފީހެއްގެ ކައުންޓަރުގައެވެ. މިހެންވެ، މެންދުރު ނަމާދު ނުކޮށް ހުއްޓައި އަޞުރު ގަޑި ޖެހޭއިރުވެސް ވަގުތު ނުވެގެން، ތިމަންނައަށް ނަމާދެއް ނުކުރެވެއެވެ. މިހެންވެ ތިމަންނަ ވަޒީފާގައި އުޅޭތީވެ ނަމާދުނުކުރެވެނީއެވެ. އަޅުގަނޑު ދެންނެވީމެވެ. ތިބާ ކައުންޓަރުގައި ހުއްޓައި، ފާޚާނާއަށް ދާން ޖެހިއްޖެނަމަ، ހަދަނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބުނީ ކޮންމެވެސް އެހެން ކުއްޖެއް އެތަނަށް ގެނެއްސްފައި ދަނީކަމުގައެވެ. އަޅުގަނޑު ދެންނެވީމެވެ. ތީ ހާދަހާ ހެއްވާ ކަމެކެވެ. ތިބާ ފާޚާނާއަށް ދާންވީމާ އެހެން ކުއްޖަކު އެބަ ގެނެވެއެވެ. އަދި ދާތާކަށް އެބަ ދެވެއެވެ. އެކަމަކު ނަމާދުކޮށްލަން އެންމެ 10 ވަރަކަށް މިނެޓަށް ކުއްޖަކު ނުގެނެވެނީ ކީއްވެ ހެއްޔެވެ؟ ތިޔައީ ހާދަހާ ތާކުންތާކު ނުޖެހޭ ހަމައެއްތާއެވެ! ނަމާދު އެވަރަށް މުހިންމު ނުވަނީތާއެވެ! އޭނާގެ ބަސް ހުއްޓުނެވެ!

ލޮބުވެތި އަޚާއެވެ! އުޚްތާއެވެ! ޝަހާދަތުގެ ދެކަލިމައަށް ފަހު، ފަރުޟު 5 ނަމާދަށްވުރެ މުހިންމު އެއްވެސް އަޅުކަމެއް ނުވެއެވެ. ﷲ ތަޢާލާ ޤުރްއާނުގެ އެތައްއެތައް ތަނެއްގައި (وَأَقِيمُوا الصَّلَاةَ) މިގޮތަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. މީގެ މާނައަކީ، "އަދި ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ!" ރަނގަޅަށް ވިސްނަވާށެވެ! މިތާނގައި މިއޮތީ ނަމާދު ޤާއިމް ކުރުމުގެ ވާހަކައެވެ. ނަމާދު ޤާއިމް ކުރުމީ އެއްވެސް ފަރުޟު ނަމާދެއް ވައްޓާނުލައި، އޭގެ ވަގުތުގައި އަދާކުރުމެވެ. ހިތަށް އެރި އިރަކު ކުރާށެކޭ ނޫނެވެ! އަދި ހިތައް އެރި ނަމާދެއް ކޮށްފައި އަނެއްބައި ނަމާދު ދޫކޮށްލަންވީއެކޭ ވެސް ނޫނެއެވެ. އެއްޗެއް ޤާއިމްކުރުމަކީ އެއެއްޗަކަށް ކަމޭ ހިތައި އެކަމެއް އޭގެ އެންމެ ފުރިހަމަ ސިފައިގައި ގެނެސްގަތުމެވެ.

އިންސާނުން ފަހަރުގައި ބިޒީވެސް ވެދާނެއެވެ. ހަމަ ބަންގިގޮވާގަޑީ ކޮންމެ ނަމާދެއް ސީދާ ވަގުތުން ނުކުރެވިވެސް ހިނގައިދާނެއެވެ. މިކަން ރަޙުމަތްވަންތަ ﷲ ދެނެވޮޑިގެންވާކަން ކަށަވަރެވެ. މިހެންވެ ކޮންމެ ނަމާދަކަށްވެސް "ޓައިމް ލިމިޓެއް" ދެއްވާފައިވެއެވެ. އެ "ޓައިމް ލިމިޓްގެ ތެރޭގައި ވަގުތު ހޯދައިގެންވެސް، އޭނާ ނަމާދު ކުރަންވާނެއެވެ. ނޫންނަމަ، ތިމާ ފާފަވެރިވާނޭ ކަން ކަށަވަރެވެ. ފަތިސް ނަމާދު ގަޑިއަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީންސުރެ އިރު އަރަންދެނެވެ. ވީމާ އިރު އެރުމުގެ ކުރިން ފަތިސް ނަމާދު ކުރެވިއްޖެނަމަ، އޭނާ ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކޮށްފިއެވެ. އެންމެ ފުރިހަމަ ގޮތަކީ ފަތިސްނަމާދު ވަގުތު ސީދާ ފެށޭގަޑީގައި އެނަމާދު ކުރުމެވެ. މެންދުރު ނަމާދުގެ ވަގުތު މެންދުރުން ފެށިގެން އަޞުރާ ޖެހެންދެނެވެ. އަޞުރުނަމާދު، އަޞުރުން ފެށިގެން މަޣްރިބްއާއި ޖެހެންދެނެވެ. މަޣްރިބް ނަމާދު، އިޝާއާއި ޖެހެންދެނެވެ. އިޝާނަމާދު، ފަތިސްނަމާދާއި ޖެހެން ދެން ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ވޭތުވަންދެން އޭގެ ވަގުތު ދެމިގެން ދާނެކަމުގައެވެ. ވީމާ ހުރިހާ ބޭފުޅުންވެސް މި 'ޓައިމްލިމިޓް' ތަކަށް ރައްކާތެރިވާށެވެ! އަދި ނަމާދު ގެ ވަގުތުތަކުގައި ކުރައްވާށެވެ!

ނަމާދު، އޭގެ ވަގުތުގައި އަދާނުކުރެވުނު މީހާއަށް އޮތީ، ތައުބާވުމެވެ. އަދި އެނަމާދެއް ވަގުތުން ޤަޟާކުރުމެވެ. އެހެނީ ނަމާދު ކުރުމަށް ލުޔެއްގެ ގޮތުގައި އިސްވެ ދެންނެވުނު 'ޓައިމް ލިމިޓް' ދެއްވިފައި ވަނިކޮށްވެސް އޭނާ އެވަނީ އެނަމާދު އޭގެ ވަގުތުގައި އަދާ ނުކޮށްފައެވެ. މިކަމަކީ އޭނާ ފާފަވެރިވާނޭ ކަމެކެވެ. މިހެންވެ އޭނާ ތައުބާ ވާންޖެހެނީ އެވެ. އަދި އެ ނަމާދު އޮންނާނީ އޭނާގެ ބޮލުގައި އެޅިފައިވާ ދަރަންޏެއްގެ ގޮތުގައެވެ. ވީމާ އެ ދަރަނި އަދާކުރުމަށް އެ ނަމާދު ޤަޟާކުރުން ލާޒިމް ވަނީއެވެ.

 

އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ