ވަކި މީހެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މުޅިޤައުމުގެ ނިޒާމު ބަދަކު ނުކުރެވޭނެ ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އާދީއްތަ ދުވަހުގެރޭ ދަންވަރު، ރައީސް ނަޝީދު ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންވާކަމަށް ވިދާޅުވެ ރައީސް ޞާލިހަށް ކުރެއްވި މެސެޖާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޑރ.އިޔާޒު ވިދާޅުވީ ޤައުމުގެ އެކުލަވާލެވިފައިވާ ނިޒާމު ވަކި އެންމެ ފަރުދަކު ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ބަދަލު ކުރުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.
ވަކި މީހަކު ދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދުމަށްޓަކައި މުޅި ޤައުމުގެ ނިޒާމު ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއްނޫން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުކަމާއި، އަބަދުވެސް ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގެ ފަސް އަހަރު ނުނިމެނީސް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން، ރައީސްއަށާއި، ވަޒީރުންނަށް ރައީސް ނަޝީދު ހުށައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ނަޝިދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށާއި، ރާއްޖޭގެ މިހާރު އޮތް ނިޒާމް ބަދަލުކުރައްވާނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ