ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަށް ނުވަދެ މަޑު މަޑުން ހުންނަނީ ކޯވިޑްގެ ހައިރިސްކު މީހަކަށްވުމުން ވެކްސިން ޖެހެންދެން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް އައުމަަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާއި ގުޅިގެން އެމްޑީޕީއާއި ސަރުކާރުގެ އިސްބޭފުޅުން ތިއްބަވާ ވަޓްސް އަޕް ގުރޫޕެއްގައި ޤާސިމް ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށެވެ. ބަރުލަމާނި ނިޒާމަކީ ރާއްޖެއަށް ކަމުނުދާ ނިޒާމަކަށް ވުމުން ރައްޔިތުން އެގޮތް ނިންމާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ވެރިކަމަކީ ވެރިކަމަށް އަންނަން ބޭނުންވާ މީހާ ބޭނުންވާހާ ގޮތެއް ހަދާފައިވާ ވެރިކަމަށް އާދެވެން އޮންނަ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ގާސިމް ވިދާޅުވީ، ނަޝީދު ބޮޑުވަޒީރުކަން ބޭނުންވާ ވަަރުން، ރާއްޖޭގެ ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާނެކަން އެގޭއިރުވެސް، މަޖިލިސް ތެރެއަށްވަދެ މަޖިލިސް ތެރެއިން އެކަން ކުރެވޭނެ ކަމަށް އުންމީދު ކުރަމުންދާކަމަށެވެ. ނަމަވެސް މިއީ ދިވެހި ރައްޔިތުންވެސް އަދި މަޖިލީހުންވެސް ޖާގަ ދޭނެކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. މަޖިލިސް މެމްބަރުކަން ރައްޔިތުން ހަވާލުކުރީ އެދާއިރާއެއްގެ ކަންކަން ބެލުމަށް ކަމަށާއި، ދެވަޒީފާއެއް އަދާކުރާ ގޮތަށް ކަންކަން ބަދަލު ކުރުމަށް ޖާގަ ނުދެވޭނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ވަރަށް ފާޅުގައި ރައީސް ނަޝީދު ގެންނަން އުޅުއްވާ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު މިކަންކަމާއި ދުރުގައި މަޑުން ހުންނަވަނީ ކޯވިޑްގެ ހައިރިސްކް މީހަކަށްވުމުން ވެކްސިން ޖެހެންދެން ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުކަމާއި، އަބަދުވެސް ތާޢީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގެ ފަސް އަހަރު ނުނިމެނީސް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާކަން، ރައީސްއަށާއި، ވަޒީރުންނަށް ރައީސް ނަޝީދު ހުށައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ނަޝިދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމްކަމަށާއި، ރާއްޖޭގެ މިހާރު އޮތް ނިޒާމް ބަދަލުކުރައްވާނީ ރައީސް ޞާލިޙާއި މަޝްވަރާކުރައްވައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ